މިއަދަކީ ރާއްޖޭގެ ފަޙުރުވެރި ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ ފުރަތަމަ ދުވަހުގައެވެ. ޤައުމީ ދުވަހަކީ ޕޯޗްކީޒުންގެ އަޅުވެތިކަމާ ދެކޮޅަށް ބޮޑުތަކުރުފާނު އިސްކޮށް ހުންނަވާ ފެއްޓެވި ޖިހާދުން ނަޞްރުލިބުނު ދުވަހެވެ.
ފަނަރަ އަހަރަށްވުރެ ދިގުމުއްދަތަކަށް ރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުންނާ ދެކޮޅަށް އުތީމު މުހައްމަދު ތަކުރުފާނު އިސްވެހުންނަވާ ކުރެއްވި ވަރުގަދަ ޖިހާދުން ދިވެހިންނަށް ނަސްރުލިބުނު ދުވަހަކީ އެކެއް ރަބީއުލް އައްވަލް ނުވަސަތޭކަ އަށްޑިހަ އެކެކެވެ. ތާރީޚީ ލިއުންތަކުން އެނގޭގޮތުގައި މިދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ފާހަގަ ކުރެވުނީ ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ ވެރިކަމުގައި އެކެއް ރަބީއުލްއައްވަލް ތޭރަސަތޭކަ ފަސްދޮޅަށް ފަސްވަނަ އަހަރުއެވެ.

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެނަމުގައި ވަކި ދުވަހެއް ރާއްޖޭގައި ފާހަގަކުރިކަމެއް އެނގޭކަށް ނެތެވެ.
މިދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ވިލޭރޭކަމަށްވާތީއެވެ. އެމަތިވެރި ނަޞްރު ދިވެހީންނަށް ހޯއްދަވައިދެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ މިޙާދިސާއަށެވެ. ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ.

ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާ ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖަލިސްގެ ނަން އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މިގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށްފަހު 1997 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި “ދިވެހިރާއްޖޭގެ ޤައުމީ ދުވަސް” ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އެދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ.
މިއަދު ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަސް ފާހަނގަ ކުރަމުންދާއިރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޚީ ބަލިމަޑުކަމާއިއެކު ޤައުމީ ދުވަހުގެ ހަރަކާތްތައް ވަނީ ފަޑުވެފައެވެ. ޤައުމީ ދުވަހާއި ގުޅުވައިގެން މީގެ ކުރިން ދެމުންދިޔަ ޤައުމީ އިނާމު ދިނުމުގެ ހަފްލާއާއި، އެކި ހަރަކާތްތައް ވަނީ ބޭއްވޭގޮތް ނުވެފައެވެ.
ކޮމެންޓު ފޮނުވާ