މިއަދާއި މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ ކުރިއަށް އޮތް 48 ގަޑިއިރުވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިއަދާއި މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށާއި އުތުރުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މިއަދާއި މިރޭވެސް ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށްވެސް މެޓްއޮފީހުން ލަފާކުރެއެވެ.
އެހެންކަމުން އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑ ރާއްޖެއާ ދުރަށް ހުޅަނގު އުތަުރަށް ޖެހެމުންދާތީ މާދަމާއިން ފެށިގެން ރާއްޖެއަށް ވާރެވޭ މިންވަރު މަދުވެ ވައިގެ ބާރުމިންވެސް ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީވެސް އަދި އެންމެ ވައި ގަދަވީވެސް އައްޑޫސިޓީ ގަމަށް ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ