ރާއްޖެ އާއި މޮރީޝަސްގެ އީއީޒެޑް މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު

ރާއްޖެ އާއި މޮރީޝަސްގެ އީއީޒެޑް މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު

Author
މުޙައްމަދު ޖިމީ
17 އޮކްޓޯބަރ 2020 01:16
0

ރާއްޖެއާއި މޮރިޝަސްގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ސެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެ އާއި ދެކޮޅަށް މޮރީޝަސްއިން އިންޓަރނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް، (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގެ ދެވަނަ އަޑު އެހުމެއް މިއަދު ބޭއްވުމަށް ތަޢާވްލުކޮށްފިއެވެ. މިއަޑުއެހުން ތަޢާވަލުކޮށްފައިވަނީ ޖަރުމަންވިލާތުގެގަޑިން މިއަދު މެންދުރު ދޭއް ޖަހާއިރަށެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރާއްޖެއާއި މޮރީޝަސްގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞަދީ ސަރަހައްދު ފުށުއަރާތީ އެމައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މިމައްސަލާގައި ރާއްޖެގެ ފަރާތުން ޓްރައިބިއުނަލްގައި ވާހަކަފުޅު ދައްކަވަނީ ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އެވެ.

އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ވަނީ ރާއްޖެއާއި މޮރިޝަސްގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ސެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެ އާއި ދެކޮޅަށް މޮރީޝަސްއިން އިންޓްލޮސްއަށް ހުށައެޅި މައްސަލާގައި އެޤައުމުން މަސައްކަތްކުރަނީ ނަހަމަގޮތެއްގައި އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމުގައެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ވަނީ އިޓްލަސްއަށް ހުށައަޅާފައިވާ މިމައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ޙައްލުކުރެވިދާނެ މައްސަލައެއްކަމަށެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ދެޤައުމުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައި ވަނީ އެކަމުގައި ރާއްޖެއާއި ޚިލާފެއް އުފެދިގެން ނޫންކަމަށާއި، ޓްރައިބިއުނަލަށް މައްސަލަ ހުށައެޅުމުގައި ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފާ މުޅިން އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމަށެވެ. މިމައްސަލަ ހުށައަޅާފައިވަނީ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހިގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށްކަން ކަނޑައެޅުމަށްކަމަ ށެވެ. މޮރިޝަންސް އާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއް ޙައްލުކުރުމަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލްއަށް ހުށައެޅީތީ ހިތާމަކުރައްވާކަމަށް ބަންޑާރަ ނާއިބުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެ އެވެ.

ރިފްއަތުގެ ވާހަކަފުޅުގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައިވަނީ ފުރިހަމަކުރަންޖެހޭ އިޖްރާޢަތްތައް ފުރިހަމަނުކޮށްކަމަށާއި، މައްސަލަ ހުށައެޅެނީ ދެޤައުމުގެ ސަރަހައްދާއި ބެހުމާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާކޮށް އެކަމަށް އެއްވެސް ހައްލެއް ނުލިބި ނަތީޖާ ނުފެނިއްޖެ ޙާލަތެއްގައިކަން އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ މުއާހަދާއިން ފެނަން އޮތްކަމަށް ވިދާޅުވެފައިވެއެވެ.

ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައިނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދައި އދއަށް އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައި ނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށޫއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.