ސަރުކާރު ކޯލިޝަންގައި ހިމެނޭ ވެރިން ތިއްބެވީ ކޮންމެ ޕާޓީއަކަށް ތިން ވަޒީރުކަން ލިބުމުން އެކަމާއި ހުރިހާ ކަމަކަށް އޯކޭވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކޯލިޝަން ދޫކޮށް އެމްޑީޕީއަށް ވަކިން ތާއީދު ހޯދައި، އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބު ކުރެއްވުމަށް ރައީސް ޞާލިހުއާއި، މަޖިލިސް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކާއި ގުޅިގެން ތޯރިގު ވިދާޅުވީ ޤައުމުގައި ހިނގާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަކަމުގައި ވީނަމަވެސް ކޯލިޝަން ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ތިއްބެވީ ޕާޓީތަކަށް ލިބިފައިވާ ވަޒީރުކަން ދިފާއު ކުރުމަށް ކަމަށެވެ.
ކޯލިޝަން ވެރިންނަށް މިއަދު ސިޔާސީ ގޮތުންވެސް އަދި އެނޫން ގޮތްތަކުންވެސް ހަމައެކަނި ފައިދާވާން އޮތް ގޮތަކީ ކޮންމެ ޕާޓީއަކަށް ލިބިފައިވާ ވަޒީރުކަން ދިފާއުކުރުންކަމަށެވެ. އަދި އޭގެ ތެރެއިން ކޮންމެ ޕާޓީއަކަށް ނިސްބަތްވާ އާންމު މެމްބަރުންނާއި، އެމެމްބަރުންގެ ހައްގުތައްވެސް ޕާޓީތަކުގެ ލީޑަރުން ގުރުބާން ކުރަމުންދަނީ މި ތިން މަޤާމަށް ކަމުގައި ތޯރިގު ވިދާޅުވިއެވެ.
ރައީސް ޞާލިހު އަށް ވަރަށް ސާފުކޮށް އެގިލައްވާނެ، ޖޭޕީ، އެމްއާރުއެމް، އަދާލަތު އަށް 3 ވަޒީރުކަން ދިނީމަ ކޯލިޝަން އޮންނީ ވަރަށް ފާޓު ފުޅާކޮށްކަން. ވަޒީރު ކަމަށްޓަކައި، ކޯލިޝަން ޕާޓީތަކުގެ އާންމު މެމްބަރުންއަށް ފުރުސަތު ނެތަސް އޯކޭ.
– ތޯރިޤު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ރިނބުދޫގައި އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާ މައްސަލާގައި ރައީސް ޞާލިހު ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވާ ކެނޑިޑޭޓަކަށް ނޫން ކެނޑިޭޓަކަށް ތާއީދު ނުކުރައްވާނެކަމަށެވެ. އަދި އެގޮތަށް އެއްވެސް ރަށެއްގެ އެއްވެސް އެމްޑީޕީ މެމްބަރަކު އަމަލު ނުކުރެއްވުމަށްވެސް ރައީސް ވަނީ އެދި ވަޑައިގެންފައެވެ.
އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނީ ޕާޓީގެ ކެނޑިޑޭޓުންނަށް. އެގޮތަށް ކުރިހާ ބޭފުުންވެސް އަމަލުތައް ބެހެއްޓެވުން އެދެވެން. އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެންނަށް މިހުރިހާ ގޮޑިތަކެއްވެސް ލިބޭނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދުވެސް ވަނީ އެއްވެސް ދާއިރާއެއްގެ ކެނޑިޑޭޓަކު އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ކެންޑިޑޭޓަކަށް ނޫން އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ދަންނަވާފައެވެ. މިމައްސަލަ ދިމާވެފައިވަނީ އެމްޑީޕީން މިއަދު ވެރިކަން ކުރަމުންދަނީ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ކަމަށްވާއިރު، ކޯލިޝަންގެ ބައެއް އެހެން ޕާޓީތަކުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންވެސް ދަނީ ރައީސް ޞާލިހުގެ ތާއީދު އެކެނޑިޑޭޓުންނަށް އޮތްކަމަށް ބުނަމުންނެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބައެއް ދާއިރާތަކަށް ވާދަކުރާއިރު، އެޕާޓީތަކުން އެކެނޑިޑޭޓުންނަށް އެއްވެސް ވަރެއްގެ އަޅާލުމެއް ނެތްކަމަށް ބުނެ ބައެއް ކެނޑިޑޭޓުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ