މާލެ ސިޓީ ކައުންސިލް އަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް، ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަންދޭ ތަނަކަށް ވާންޖެހޭ ކަމުގައި މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ތިބިއިރު، މި ވަޒީފާތަކަށް ދިވެހިން ހަމަޖެއްސުމަށް އިސްކަން ދޭންޖެހޭކަމަށް ބުނެ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ ވަޒީފާގެ ފުރުސަތު އޮތްތަނަކަށްވާއިރު، ވަޒީފާތަކަށް މީހުން ނެގުމުގައި ދިވެހިންނަށް އިސްކަންދޭޖެހޭކަމަށެވެ.
ސިޓީ ކައުންސިލުން ޚިދުމަތްދެނީ ދިވެހި ރައްޔިތުންނަށް ކަމަށްވާއިރު، ދިވެހިވެ ރައްޔިތުންގެ ތެރެއިން އެތައްބަޔަކު ޚާއްސަކޮށް މާލެ ސިޓީގައި ދިރިއުޅޭ އެތައް ރައްޔިތުންނެއް ވަޒީފާއެއް ނުލިބި ތިބިއިރު، އެމީހުންނަށް މިވަޒީފާތައް ޚާއްސަ ކުރަންޖެހޭކަމަށް ކުރީގެ ހައުސިން މިނިސްޓަރުގެ މަޤާމުވެސް ފުރުއްވި މުއިއްޒު ވިދާޅުވިއެވެ. ވަޒީފާތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިވާނޭހެން އެމީހުންނަށްވެސް އަދާކުރެވޭނެ މަސައްކަތްތަކަށް އެފަދަ މީހުންނަށް ފުރުސަތު ދިނުމަކީވެސް މުހިންމު ކަމެއްކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލް އަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގައި އިސްކަންދޭ ތަނަކަށް ހަދަންޖެހޭ. ބިދޭސީ މުވައްޒިފުން މަދުކޮށް އެ މުވައްޒިފުން އެވަޒީފާތަކަށް ދިވެހިން ނެގުމުގެ ސިޔާސަތު އެކަށައަޅައި ތަންފީޒު ކުރަންޖެހޭ. މިގޮތުން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކުރަންޖެހޭ.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ފާހަގަކޮށް މުއިއްޒު ވަނީ އެކަންކަން ހައްލު ކޮށްދެއްވާނެކަމަށް ވިދާޅުވަމުންނެވެ. ޚާއްސަކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއިއެކު ޚިދުމަތް ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަަތައް ހަލު ކުރަން ނިކުންނަނީ އިޚްލާސްތެރި ނިޔަތެއްގައި ތެދުވެރި ކަމާއިއެކުގައިކަމަށާއި، މާލެ ސިޓީގެ ރައްޔިތުން އެދޭފަދަ ބަދަލެއް މާލެ ސިޓީއަށް ގެނެސް ދެއްވާނެކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ