ޓެންޒެނިޔާގެ އައު ރައީސަށް ރައީސް ޞާލިހު ތަހުނިޔާ ވިދާޅުވެއްޖެ

ޓެންޒެނިޔާގެ އައު ރައީސަށް ރައީސް ޞާލިހު ތަހުނިޔާ ވިދާޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 04:03
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސް ކަމުގެ މަޤާމާއި ސަމިއާ ސުލޫހޫ ޙަސަން ޙަވާލުވެވަޑައިގަތުމާއި ގުޅިގެން އެ ކަމަނާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސްއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ޓެންޒެނިޔާގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ރޮނގުންނާއި ކޯވިޑް-19 އިން ސަލާމަތްވުމަށް ކުރަމުންގެންދާ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޓެންޒެނިޔާގެ ރައީސްއަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި، އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.