އެންއައިސީއަށް ޤާސިމް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އެންއައިސީއަށް ޤާސިމް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2020 11:05
0

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މެންބަރުކަމަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ޤާސިމް އައްޔަން ކުރަން ފެންނަކަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 3 ބައި ކޮށްފަ 2 ބައި މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ޤާސިމްގެ ނަން ކޮމިޓީން ފާސްކުރުމުން މިހަފްތާގެ މަޖިލީހުގެ ޖަލްސާއަކަށް މިމައްސަލަ އެޖެންޑާކޮށް ގޮތެއް ކަނޑައެޅިގެންދާނެކަމަށް ބެލެވެއެވެ.

ޤާސިމްއަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ

އެގޮތުން އޭނާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ދައުރުކުރި ގޮތުގެ ތަފްސީލް އާއްމުކޮށްފައެެވެ. އެމައްސަލައިގައި އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާޢްމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 1 އަހަރާއި 4 މަހަށް ޖަލަށްވެސް ލާފައެވެ.

އެންއައިސީގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވަނީ އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވިި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޯގަސްޓް މަހުގެ 10ވަނަ ދުވަހު އޭނާ އެމަޤާމުން ވަކިކުރުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.