ވާދަވެރިންގެ އަތްފައި ބަނުމަށްފަހު، ބޭއްވޭ އިންތިޚާބެއް އިންސާފުވެރި ނުވާނެ: ސެމްބެ

ވާދަވެރިންގެ އަތްފައި ބަނުމަށްފަހު، ބޭއްވޭ އިންތިޚާބެއް އިންސާފުވެރި ނުވާނެ: ސެމްބެ

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 02:43
0

ވާދަވެރިންގެ އަތްފައި ބަނުމަށްފަހު، ބޭއްވޭ އިންތިޚާބެއް އިންސާފުވެރި ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކެންޑިޓޭޓުންނާއި، ޕާޓީތަކުން ދަނީ ފޯރިއާއިއެކު ކެންޕެއިން ކުރަމުންނެވެ.

ކެމްޕެއިން ކުރުމަށް ހުރި ހުރަސްތަކާއި ގުޅިގެން ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަރުކާރުގެ ބާރާއި ނުފޫޒު އިންތިހާއަށް ބޭނުންކޮށް މުޅި ރާއްޖޭގައި ސަރުކާރުން ދަނީ ކެމްޕެއިން ކުރަމުންކަަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ހިންގޭނެ ފުރުސަތުނުދީ ކުރަމުންދަނީ ޖެއްސުންކަމަށެވެ. މިއީ އިންސާފުވެރިކަމާއިއެކު އިންތިޚާބެއް ބޭއްވޭނެ ހާލަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ވާދަވެރި ފަރާތްތަކުގެ އަތްފައި ބަނދެލައި ކެމްޕެއިން ކުރަން ފުރުސަތުނުދީ، ސަރުކާރުން އެދަނީ ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން. ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް އިންތިޚާބެއް އިންސާފުވެރިވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.

– ހުސެއިން ވިދާޅުވިއެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، އިންތިޚާބާއި ގުޅިގެން މިހާތަނަށް އޮތް އެންމެބޮޑު ޝަކުވާ މިހާރު އޮތީ ހަމަ އޮތްގޮތަށެވެ. އިންތިޚާބު ބޭއްވުމަށްޓަކައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުންނެވެ. ޤާނޫނު ބުނާގޮތުން އިންތިޚާބު ބާއްވާ ތާރީހުގެ 28 ދުވަސް ކުރިން ހަމަހަމަ ކަމާއިއެކު ހުރިހާ ކެންޑިޑޭޓުންނަށާއި، ޕާޓީޓަކަށް ކެމްޕެއިން ކުރިމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ފަހިކޮށްދޭން ޖެހެއެވެ.

ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތައް ހުރި ގޮތުން އިންތިޚާބު ބޭއްވުމަށްވެސް އަދި އެނޫން ކަމެއްގައިވެސް އެޗްޕީއޭގެ ނިންމުމަށް ނޫނީ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރެއް ރާއްޖޭގެ އެއްވެސް މުވައްސަސާއަކަށް ނެތެވެ. އިންތިޚާބަށް އެއްމަހަށްވުރެ ކުޑަ ދުވަސް ކޮޅަކަށްވެފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނުން ހުއްދަ ނުކުރާ އެތައްކަމެއް ސަރުކާރު ހިންގާ މައިޕާޓީއަށް ދަނީ ލިބެމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިނުގެ ދަށުން ސަރުކާރުގެ އެކި ކަންކަން ކުރުމުގެ ނަމުގައި ބޮޑެތި ވަފުދު ހަދައިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ވަޒީރުންނާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ރަށްރަށަށް ވަޑައިގެން ސިޔާސީ ބޮޑެތި ހަރަކާތް ބާއްވައި، ޖަގަހަ ހުޅުވައި، ބައްދަލުވުން ބާއްވައި، ދޮރުން ދޮރަށް ހިނގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެއްވެސް ގައިރުކަމެއް، ރައްކާތެރިކަމެއްނެތި މިފަދަ ހަރަކާތްތައް ހިންގާއިރު، އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަނީ ކިހާ ވަރަކަށްތޯ ބަލާނެ އަދި ފިޔަވަޅު އަޅާނެ ބަޔަކުވެސް މިއަދު ނެތެވެ.

ސަރުކާރު ހިންގާ މައި ޕާޓީން އެމްޑީޕީގެ އިސްސަފުގެ ބޭފުޅުން އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގައި ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް އިފްތިތާހު ކުރުމުގެ ނަމުގައި ހިންގާ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ދަނީ އެދިވަޑައި ގަންނަވަމުންނެވެ. އަދި ފާޅުކަން ބޮޑުކޮށް ކެމްޕެއިންގެ ހަރަކާތައްތައް ރަށްތަށުގައި ކުރިއަށް ގެންގޮސް، އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަންވެސް އެމްޑީޕީން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.