މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި، ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން، އެކަމުގައި ޝާމިލުވާ 5 މީހުންގެ އަތުންނާއި، އެމީހުންނާއި ގުޅުންހުރި އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށެވެ. މި މައްސަލާގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައި ވާކަމަށެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤުގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަޢަދަދެއްގެ ފައިސާ، މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ އެކައުންޓްތަކާއި، އެމީހުންނާ ގުޅުންހުރި އެކައުންޓްތަކުގައި ދަޢުރުކޮށްފައިވާކަން ހޯދިފައިވާކަމަށާއި، އަދި މި މައްސަލާގައި ހިމެނޭ މަނީ ލޯންޑްރިންގ ބައި އިތުރަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވެސް ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.




މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ޤާނޫނު ޖާގަދީފައިވާއިރު، ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ސިޔާސަތަކީ، އެމަގުން ދިއުމަށްކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭއިރު، ފުލުހުންގެ ބުރަ މަސައްކަތުން އެކަމުގައި އުޅޭ ނެޓްވޯރކްތައް ރޫޅާލެވިފައިވާކަމަށެވެ. އަދި ދެންއޮތް މަރުހަލާއަކީ އެކަމުގައި ހަރަކާތްތެރިވާ އަޞްލު "ވިޔަފާރިވެރިން" ފަހަތުން ދިއުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މަސްތުވާތަކެތީގައި"އަތްނުލާ" ނުވަތަ އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ސަލާމަތް ވެވޭނެކަމަށް މިހާރު ހީވެފައިއޮތްނަމަވެސް ދެން އެކަން ނިމުމަކަށް އަންނާނެކަމަށާއި، މަސްތުވާތަކެތީގައި އަތް ނުލިޔަސް، ފައިސާ ބޭނުންކުރާނަމަ، އެމައްސަލަ ތަހުޤީޤުކޮށް ދައުވާ ކުރެވެން އޮތް މީހުންނަށް ދައުވާ ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ