ޔޫޓީއެފް މައްސަލާގައި ކޯލިޝަންގެ ބައިވެރިން ހަނުތިބޭނެ ޖާގަ އެއްނެތް: ސައީދު

ޔޫޓީއެފް މައްސަލާގައި ކޯލިޝަންގެ ބައިވެރިން ހަނުތިބޭނެ ޖާގަ އެއްނެތް: ސައީދު

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 09:05
0

އުތުރު ތިލަފަޅު މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އަށް އޮތްއިރު، ކޯލިޝަންގެ ބައިވެރިންނަށް ހަނުތިބޭނެ ޖާގަ އެއްނެތްކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ގިނަބަޔަކު ފާހަގަކުރަމުންދާ ދަޑިވަޅުވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ބޭފުޅަކު މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެމްއެންޑީއެފްގެ އޮފިސަރުން ވަނީ އެކަން ދޮގުކޮށްފައެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން ސައީދު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އަސްކަރީ ބާރަކަށް ޖާގަ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. މި އެއްބަސްވުމުގައި ހުރި ކަންކަން ސަރުކާރުން ސާފުކޮށްދޭންޖެހޭކަމަށް ސައީދުވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީން ދަންނަ ހަމައަކީ މިފަދަ އެއްބަސްވުން މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ރުހުން ހޯދުންކަމަށާއި، އެކަން އެމަގަށް ކުރުމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ބޭރުގެ އެއްވެސް އަސްކަރީ ބަރަކަށް މި ޤައުމުން ޖާގަ ދިނުމަކީ ނުރައްކަލެއް. ސަރުކާރު މިކަމުގައި ސާފު ޖަވާބެއް ދޭންޖެހޭ. ޤާނޫނު އަސާސީން ދަންނަ ހަމަޔަކީ އެފަދަ އެއްބަސްވުންތައް މަޖިލިސް އަށް ހާމަކުރަން. މިކަމުގައި ސަރުކާރާއި، ކޯލިޝަންގެ ބައިވެރިން ހަނުތިބޭނެ ޖާގަ އެއްނެތް.

– ސައީދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑިއެފްއަށް ބޭނުންވާ ޚިދުމަތްތައް ގާއިމް ކުރުމަށް ފާއިތުވެދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުމަކީ ސިއްރު އެއްބަސްވުމެއް ކަމުގައި ސަރުކާރުން ވަނީ ކަޑައަޅާފައެވެ.

އަދި މި އެއްބަސްވުން، ރައްޔިތުންގެ މަޖިލީހަށްވެސް ހާމަ ނުކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ދިވެހި އަސްކަރިއްޔާއަަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ގާއިމްކުރެވޭ އެތަކެއް ޚިދުމަތްތަކަކަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ސޮއިކޮށްފައިވާ މިއެއްބަސްވުން އާންމު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާ ސަބަބެއް ސަރުކާރުން މިހާތަނަށް ސީދާ ގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިޝަތު އަލީ
ވެރިކަމުގައިހުރީ ޔާމީނު ނޫންވީމަދޯ ދެފަޔަށް ހިނިއަރާގެން އަރުބުޑަށް އެއްޗެއް ނުގޮސްގެން މިތެޅެނީީ.
A Abdulla Mahir
Kuda kameh noon! Beyruge askariyyaa akah kuda furusatheh dhinas dhen mithan nolhaalaane kan hama yageen! Huttuvan vee vaguthakee mee!