ދިވެހި ޢަސްކަރިއްޔާއާމެދު ޙަޤީޤަތާ ޚިލާފު އެއްވެސް ވާހަކައެއް ފަތުރައިގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން ސިފައިންގެ އިސްބޭފުޅުންނާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަތައް ކުއްވެރި ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ އެންމެ ޝަރަފްވެރި މުއައްސަސާ ކަމުގައެވެ.
ދިވެހިންގެ ސިޔާދަތާއި އިސްތިޤުލަލު ހިފެހެއްޓުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ ސިފައިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ވާހަކަ ދެއްކުމާއި، ސާބިތުނުހިފޭ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަސް ޝަހީމް ވިދާޅުވިއެވެ. ދިވެހި އަސްކަރިއްޔާގެ އިތުބާރާއި ޔަގީންކަމާއި، ދެމެހެއްޓުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޒިންމާއަކަށްވާއިރު، ސިފައިންގެ އަގުވައްޓާލުމަށް ނުވަތަ އަބުރަށް ހުތުރުވާގޮތަށް އެއްވެސް ފަރާތްތަކުން ޒިންމާދާރުކަމެއްނެތި ކުރައްވާ މަސައްކަތް ހުއްޓާލުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.
ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފްވެރި މުއައްސަސާ. ދީނާއި ޤައުމުގެ ދިފާޢީ އަށްޑަނަ. ހުރިހާ ފަރާތްތަކުން ވެސް އެ މުއައްސަސާގެ ޝަރަފާއި އައުދާނަކަން ދަމަހައްޓަވަންވާނެކަމަށް ދެކެން. ޢަސްކަރިއްޔާއާމެދު ޙަޤީޤަތާ ޚިލާފު އެއްވެސް ވާހަކައެއް ފަތުރައިގެން ނުވާނެ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުން އާންމުކުރުމަށް ގޮވާލައި ޝަހީމް ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެވެސް މާލޭގައިވަނީ މުޒާހަރާކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ވަނީ ސިފައިންގެ ވެރިންގެ ގޮތުގައި މިވަގުތު ތިއްބެވި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިކަމުގައި ސިފައިންގެ އޮފިސަރުންނާއި، ސިފައިންގެ މުވައްސަސާގެ އަގުވައްޓާލަމުންދާކަމަށްބުނެ އެފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔުންތަކާއި، އަދި ދެކެވެމުންދާ ވާހަކަތައް ކުށްވެރިކޮށް، ސިފައިންގެ ޖެނެރަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެނެރަލް ޝަމާލް ވިދާޅުވީ މި ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއްނޫންކަމަށެވެ. އަދި އެއީ ޑްރާފްޓެއްކަމަށްވެސް ޤަބޫލެއް ނުކުރައްވާކަމަށެވެ. މިއީ 2013 ވަނަ އަހަރުން ފެށިގެން މަޝްވަރާތައް ކުރެވެމުންގޮސް، ކުރެވިފައިވާ މަޝްވަރާތަކާއި ދެކެވިފައިވާ ވާހަތަކާއި އެއްގޮތަށް ކުރެވިފައިވާ އެއްބަސްވުމެއްކަމަށެވެ.
އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެކަމަށެވެ.
އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
ކޮމެންޓު ފޮނުވާ