ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިން ފޯރަމެއް

ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިން ފޯރަމެއް

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2020 10:28
0

ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް އޮންލައިން ފޯރަމްއެއް ބާއްވައިފިއެވެ.

މި ފޯރަމަކީ، 2020 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ޢަމަލުކުރަން ފެށުނު ސުޕްރީމް ކޯޓުގެ ގަވާއިދު (2020) އާ ގުޅޭ މަޢުލޫމާތު ޙިއްޞާކޮށް ވަކީލުންގެ ފަރާތުން ފާހަގަކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާކުރުމުގެ މަޤުޞަދުގައި ބޭއްވުނު ފޯރަމެއްކަމަށް އެކޯޓުން ބުނެއެވެ.

މި ފޯރަމްގައި، ސުޕްރީމް ކޯޓުގެ ގަވާއިދު (2020) ދަށުން އަލަށް ތަޢާރަފު ކުރެވުނު ކަންތައްތަކާއި، ސުޕްރީމް ކޯޓުގައި ޢަމަލުކުރެވެމުންދާ އިޖުރާއަތުތަކަށް މި ގަވާއިދުގެ ދަށުން އައިސްފައިވާ ބަދަލުތައް ވަނީ ޙިއްޞާކޮށްފައެވެ. އަދި މި ގަވާއިދާ ގުޅިގެން ވަކީލުންގެ ފަރާތުން ފާހަގަކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާކުރައްވާފައިވެއެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާޢިދު" ގައި ގިނަ ބާރުތަކެއް ސްޕްރީމްކޯޓަށް ވަނީ ލިބިދީފައެވެ. އެގޮތުން ހައިކޯޓުން ކުރާ ޙުކުމްތައް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށްލިބިދެއެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ސުޕްރީމް ކޯޓަށް ހުށަހެޅޭ ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާޢީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް މި ޤަވާއިދުގައި ވަނީ ހިމަނާފައެވެ.

އެޤަވާއިދު ބުނާ ގޮތުން ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ ޙުކުމާމެދު، ނުވަތަ އެ ކޯޓުން ކުރާ އަމުރަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ސުޕްރީމް ކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

21 ބައިގެ މައްޗަށް އެކުލަވާލައި ޖުމްލަ 161 މާއްދާ ހިމެނޭ މި ޤަވާއިދުގެ ދަށުން އައު ފޯމުތަކެއްވެސް އެކޯޓުންވަނީ ތަޢާރަފުކޮށްފައެވެ. އޭގެތެރޭގައި ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާޠިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު، މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމުގެ އިތުރުން ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.