ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް މާދަމާ ހއ.އުތީމުގައި ބޭއްވުމަށް ނިންމައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވާ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ޖަލްސާއާއި ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ވަނީ އިމްތިޒާމު ކުރެވިފައެވެ. މީގެ ތެރެއިން ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާ މަދަމާ ހެނދު 9:30 ގައި ބޭއްވުމަށް ވަނީ ހަމެޖެހިފައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޙާތަބްކުރައްވާނީ ވޯޑިއޯ މެދުވެރިކޮށެވެ. ރައީސްގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވީޑިއޯ މެދުވެރިކޮށް މިޖަލްސާގައި ވާހަފުޅު ދައްކަވާނެ އެވެ.
އުތީމުގައި3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ސަގާފީ ކުޅިވަރު ހަރަކާތްތަކާއި، އެކި ކަހަލަ މުބާރާތްތައް ބޭއްވުމަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ވަނީ ފަސްކުރައްވާފައެވެ. މިގޮތަށް ނިންމެވީ، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންނެވެ. ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހުގައި ފާހަގަކުރަމުންދާ ޤައުމީ ދުވަހަކީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ބޮޑު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވަނީ ހއ. އުތީމަށެވެ.
ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެނަމުގައި ވަކި ދުވަހެއް ރާއްޖޭގައި ފާހަގަކުރިކަމެއް އެނގޭކަށް ނެތެވެ.
ކޮމެންޓު ފޮނުވާ