މި ފެށޭ ރަމަޞާންމަހު މާލޭގެ މިސްކިތްތަކުގައި އަތޮޅުތެރޭގެ ރަށްތަކެކޭ އެއްގޮތަށް، ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19ގެނުރައްކާބޮޑު ވެފައިވާއިރު، ރޯދަމަަހަށް ވަނީ 20 އަކަށް ދުވަހަށް ވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ރޯދަމަހު މާލެ ސަރަހައްދުގައި ޖަމާއަތުގައިވެސް ނަމާދު ކުރެވިފައި ނުވެއެވެ. މާލެ ސަރަހައްދު އޮތީ އެދުވަސްވަރު ލޮކްޑައުންގައެވެ.
މިނިސްޓްރީން ބުނެފައިވަނީ މިހާރުގެ ހާލަތަށް ބަލާ މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް ތަރާވީސް ނަމާދު މިފަހަރު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ އުޞޫލުން ތަރާވީޚް ނަމާދު ކުރެވޭނެކަމަށެވެ.
މި އަހަރުގެ ރޯދަ މަސް އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭއިރު މި ދުވަސްވަރަކީ ވެސް ކޮވިޑްގެ ހާލަތު ގޯސް ދުވަސްވަރެކެވެ. ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް ހާލަތު ގޯސްވެއްޖެނަމަ ޖަމާއަތް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އިލްމުވެރިންގެ ދެކޮޅު ހެދުން ނައިނަމަ މިހާރު އޮންނާނީ ޖަމާއަތް ހުއްޓާލާފައެވެ.
ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ޖަމާއަތުގައި ގައިދުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން މިސްކިތްތަކުގައި މީހުން ތިބެންޖެހޭ ދުރުމިން ފާހަގަކުރުމަށް ނިޝާންތައްވެސް ވަނީ ޖަހާފައެވެ. ޤައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގައި ބައެއް ހިޔާލު ތާފާތުވުންތައް ހުރި ނަމަވެސް މިހާލަތުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމަކީ ހުއްދަކެމެއްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ