ރާއްޖެއާ ބަންގުލަދޭޝާއި ދެމެދު ވައިގެ މަގުން ކުރާ ދަތުރުތަކުގެ އިތުރުން ކަނޑުގެ މަގުން ދަތުރުތައް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަަލަ ހައްލުނުވާތީ މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން ރާއްޖެ އާއި ބަންގްލަދޭޝްގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކާއި ސޮއިކުރި އެއްބަސްވުންތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި ވަރަށް އަވަހަށް ކަނޑުމަގުންވެސް ރާއްޖެއާއި، ބަންގްލަދޭޝްއާއި ދެމެދު ދަތުރު ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ބަންލަދޭޝްއާއި ރާއްޖެއާއި ދެމެދު ކަނޑުމަގުން ދަތުރުފެށުމަށް މަަސައްކަތް ކުރައްވަމުންދާތީ ޝިފާ ވިދާޅުވީ މިކަން ފަށާއިރު، ރާއްޖޭގައި އޮތް ބިދޭސީންގެމައްސަލައަށް ހައްލެއް އައުން މުހިންމުކަމަށެވެ. ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، އަން ޑޮކިއުމަންޓް މީހުންނާއި، ޤަވާއިދާއި ޚިލާފަށް އެތެރެވާ މީހުން ރަނގަޅަށް ނުބެލެހެއްޓޭއިރު މިފަދަ ކަމެއް ފެށުމާއިމެދު އިތުރަށް ވިސްނަންޖެހޭކަމަށް ޝިފާ ވިދާޅުވިއެވެ.
"ދަތުރު ފަތުރުތައް ފެށުން ވަރަށް ރަނގަޅު، އެހެނަސް އަދި ޤައުމުގެ ބޯޑަރު ބެލެހެއްޓުމާއި، އަން ޑޮކިއުމަންޓް މީހުންނާއި، ޤަވާއިދާއި ޚިލާފަށް އެތެރެވާ މީހުންގެ މަސްލަހަތު ބޮޑު. ހައްލެއް އަދި ނުލިބޭ. ރައްޔިތުންގެ ކަންބޮޑުވުން މިކަންކަމުގައި އެބައޮތް"
– ޝިފާ ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ސަރުކާރުން 2020 ވަނަ އަހަރަށް ޢަމާޒުހިފީ ޤަވައިދާ ޚިލާފައި އުޅޭ 20000 ބިދޭސީން ޤައުމަށް ފޮނުވާލުމަށެވެ. ނަމަވެސް ކޯވިޑް 19ގެ ޙާލާތާއި ގުޅިގެން މި ޢަމާޒަށް ވާސިލު ނުވެވުނުނަމަވެސް، ފޮނުވާލި މީހުންގެ އަދަދު 10000އާ ގާތްކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީން ލަފާކުރާގޮތުގައި ރާއްޖޭގައި އެކި މަސައްކަތްތަކުގައި 130000އަށްވުރެ ގިނަ ބިދޭސީން އުޅެއެވެ. މީގެތެރެއިން 60 ހާހަށްވުރެ ގިނަ މީހުންނަކީ ލިޔެކިޔުންތައް ހަމަނުކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ މީހުންނެވެ.
ކޮމެންޓު ފޮނުވާ