ކޯވިޑް-19އަށް ރާއްޖެއިން އިތުރު 186 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 186 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 151 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 14 މީހަކާއި، ރިސޯޓްތަކުން 20 މީހެކާއި، ލިވަބޯޑުން އެކަކު ވަނީ ޕޮޒިިވް ވެފައެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 22،147 އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 123 މީހުން ވަނީ ވޭތުވެދިޔަ ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 19،642 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،433 މީހުންނެވެ. މިބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު އަނެއްކާވެސް ވަނީ މަތި ފަށާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 121 މީހުންނަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،688 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 594،582 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 65 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ