ދަތުރާއެކު ބަންގްލަދޭޝް އާއި އޮތް ގުޅުން ބަދަހިވެ، އިތުރު ފުރުސަތު ފަހިވެގެންދާނެ: ޝާހިދު

ދަތުރާއެކު ބަންގްލަދޭޝް އާއި އޮތް ގުޅުން ބަދަހިވެ، އިތުރު ފުރުސަތު ފަހިވެގެންދާނެ: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 08:37
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއާއި އޮތްގުޅުން ބަދަހިވެ، އިތުރު ފުރުސަތު ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދާ، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ވަނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

ގުޅިފައިވާ ބަޔާން ދެއްވަމުން މިނިސްޓަރ ޢަބުދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ބަންގުލަދޭޝްގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަޢުވަތު ދެއްވީތީ އެކަމަށްޓަކައި ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ބަންގުލަދޭޝްގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއްރަޙްމާން އެ ޤައުމަށް މިނިވަންކަން ހޯދައިދެއްވުމަށާ ޑިމޮކްރަސީ ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ ބަންގުލަދޭޝްގެ އިތުރުން ސަރަޙައްދުގެ އެހެން ޤައުމުތަކުންވެސް ފާހަގަކުރާ ލާމަސީލު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއާ ބަންގުލަދޭޝްގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަންގުލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ޙަސީނާ މިއަދު ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި އަދި މިއަދު ބަންގުލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުންނާއި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާ އިންވެސްޓުމަންޓުގެ ފުރުޝަތުތައް އިތުރުކުރުމަށް ކަންކަން ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ދެޤައުމުގެ ވެރިންގެ ރަސްމީ ވާހަކަފުޅުތަކުގެ ތެރޭގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ވަނީ ވަރަށް އަވަހަށް ރާއްޖެއާ ބަންގުލަދޭޝްއާ ދެމެދު އެ ޤައުމުގެ ޤައުމީ އެއަރލައިން، "ބައިމަން ބަންގުލަދޭޝް އެއާރލައިންސް"ގެ ދަތުރުތައް ފަށާނެކަން އިޢުލާނު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނގުލަދޭޝް ސަރުކާރުގެ އެ ނިންމެވުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ދެއްވި ގުޅިފައިވާ ބަޔާން ނިންމަވާލައްވަމުން މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އަދި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދަށް ބަންގުލަދޭޝްގެ ސަރުކާރުން އަދާކުރެއްވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމަށްޓަކައި އެ ޤައުމުގެ ބޮޑުވަޒީރާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ބަންގުލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ވެސް ދަޢުވަތު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.