ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ފިޑި އަމަލެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ދެކެވޭ އެކި ވާހަކަތަކާއި، ސިފައިންގެ އިސް އޮފިސަރުންނަށް އަމާޒުކޮށް ކުރެވޭ އެކި ތުހުމަތުތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެ އަގުވައްޓާލައި، ހަގީގަތާއި ޚިލާފް ދޮގުވާހަކަތައް ފެތުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި ހަވާލާދީ ކަމަށްބުނެ ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ފިޑި އަމަލެއް.
– މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓރަ މާރިޔާ މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު މިއަދު ޑިފެންސް މިނިސްޓްރީން ވަނީ ސިފައިންގެ އަގުވައްޓާލައި ސިފައިންގެ އިސްބޭފުޅަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީއަށް މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ބަޔާނެއްވެސް ނެރުއްވާފައެވެ. އެބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމުގައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާވާ، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ޤައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމުގައި މި ބަޔާނުގައި ބުނެފައިވެއެވެ.
އިތުރު ތިލަފާޅާއި ގުޅިގެން އެއްބަސްވުން ހާމަކުރުމަށް ދެކޮޅު ހަދަމުންދާތީ އެކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ދަނީ އެމްއެންޑީއެފްގެ އިސް ބޭފުޅުންނަށް އަމާޒުކޮށް، އެކި ތުހުތުމަތުތައް ކުރަމުންނެވެ. ނަމަވެސް ސިފައިން ބުނެފައިވަނީ މިއެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ވަރަކަށް ނުރައްކަލެއް ނެތް އެއްބަސްވުމެއްކަަމަށެވެ.
އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަށް ސިފައިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން ސިފައިންގެ ޖެނެރަލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ