އެސްޑީއެފްސީއަށް ދެ އަހަރު: 700 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ

އެސްޑީއެފްސީއަށް ދެ އަހަރު: 700 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 08:59
0

އެސްޑީއެފްސީގެ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި، 700 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޑީއެފްސީއަށް ދެ އަހަރު ފުރުމާއި ގުޅިގެން ކުފުނިން ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކޮސް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 18 މާރިޗު 2019 ގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އުފައްދައި، ޙިދުމަތްދޭން ފެށިފަހުން މިއަދާހަމައަށް މި ކޯޕަރޭޝަނުން ވަނީ ގިނަ އަދަދެއްގެ ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.

މިގޮތުން މި ކޯޕަރޭޝަންގެ ލޯނު ޕޯޓްފޯލިއޯގެ ތެރެއިން 2019 ވަނަ އަހަރު ޖުމްލަ 287 ފަރާތަކަށް 343,940,116 ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު 2020 ވަނަ އަހަރު ޖުމްލަ 305 ފަރާތަކަށް 420,189,707 ރުފިޔާގެ ފޯނު ވަނީ ދޫކޮށްފައިވާކަމަށެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު ކޯޕަރޭޝަންގެ ލޯނު ޕޯޓްފޯލިއޯގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ ރިކުވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ނަމުގައި އަޢު ލޯނެއް ތަޢާރަފްކޮށް އަހަރުގެ ބޮޑުބައެއްގައި ވަނީ މި ލޯނު ދޫކޮށްފައެވެ.

އެގޮތުން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ދަށުން ޖުމްލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ފޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް 685 ލޯނު ވަނީ ދޫކޮށްފައެވެ. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މިކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތައް ޚިދުމަތް ފޯރުކޮށްދީފައިވާއިރު ލޯނުގެ %33 ދޫކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނަށެވެ.

އަދި ކޯވިޑް-19 ގެ ޙާލަތުގައިވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކޯޕަރޭޝަނުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މިގޮތުން ލޯނަށް އެދި ހުށަހެޅުން ފަސޭހަކުރުމުގެ ގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދިހުށަހަޅައި، ލޯނު ކުރިއަށްގޮސްފައިވާ ހިސާބު ފަސޭހަކަމާއެކު ބެލޭނެ މަގުވަނީ ފަހިކުރެވިފައެވެ. މީގެ އިތުރުން ފޯނާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާފަރާތްތަކަށް މި ކޯޕަރޭޝަނުގެ ކޮންޓެކްޓް ސެންޓަރ 1613 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ޚިދުމަތްވަނީ ޤާއިމު ކުރެވިފައެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ އަދުގެ ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.