މުޅި ދުނިޔެ މިދިޔަ އަހަރު ކުރިމަތިލީ ކޮރޯނާގެ ވަބާގެ އުނދަގޫތައް އެންމެ ބޮޑަށް ކުރިމަތިވީ އެއްބަޔަކީ އަމިއްލަ ގެދޮރާއި ދުރުގާ މަސައްކަތް ކުރަންޖެހިފައި ތިބި މަސައްކަތްތެރިންނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިކަން ހިނގީ މިފަދަ ގޮތަކަށެވެ.
އިންޑިއާ ފަދަ ބޮޑު ގައުމެއްގައި، އަދި މަސައްކަތްކުރަން ދުރު ސަރަހައްދުތަކަށް މަސައްކަތްތެރިން ދަތުރުކުރަން ޖެހޭ ގައުމެއްގައި، ކޮރޯނާގެ ސަބަބުން އެޅި ސަލާމަތީ ފިޔަވަޅުތައް ވީ ބޮޑު ވޭނަކަށެވެ. މިހާލަތުގައި ހިލޭސާބަހަށް، މިފަދަ މީހުން އެމީހުންގެ އާއިލާތަކާއި ހަމައަށް ފޯރުކޮށްދިނުމާއި، އާންމު ޒަރޫރީ ބޭނުންތައް ފުއްދައިދިނިމަށް ނުކުއިތް ތަރިއަކީ އެކްޓަރ ސޯނޫ ސޫދެވެ.
ސޯނޫގެ މި ހިދުމަތާއެކު އޭނާ މުޅި އިންޑިއާގައި ސުޕަރ ހީރޯއަކަށް ވެގެންދިޔައެވެ. އޭނާ ވަނީ ކޯވިޑްގެ ޕެންޑަމިކްގައި ފަގީރުންނަށް ކާނާ ބެހުމުގެ މަސައްކަތުގައި އަމަލީގޮތުންވެސް ބައިވެރިވެފައެވެ.
މީގެ އިތުރުން އިންޑިއާގެ އެކި ހިސާބުތަކުގައި މަސައްކަތްކުރަން ހިޖުރަކުރުމަށްފަހު އާއިލާއާ ހަމައަށް ދާންބޭނުންވެ، ލޮކްޑައުންގެ ސަބަބުން ނުދެވި ތިބި މީހުނަށް ޗާޓަރ ފްލައިޓް ހަމަޖައްސައިދީ، ކަޒަކިސްތާނުގައި ގައުމަށް ނާދެވި ތިބި 135 ދަރިވަރުން އިންޑިއާއަށް ގެނައުމަށްވެސް ޗާޓަރ ފްލައިޓެއް ސޯނޫ ވަނީ ހަމަޖައްސައިދީފަ އެވެ.
ޒަރޫރީ ބޭނުންތަށް ނުފުދި ވާ މީހުނަށް އެހީވުމަށް ސޯނޫ ފެށި މި މަސައްކަތުގެ ތެރެއިން ދޭތެރެ ދޭތެރެއިން ބައެއް މީހުން ޖެއްސުން ކުރުމުގެ ގޮތުން ފޮނުވާ އެކިއެކި ރިކުއެސްޓްތައް ވެސް ފާހަގަވެގެން ދެއެވެ. އެފަދަ މީހުނަށް އާންމުކޮށް ސޯނޫ ދެނީވެސް ލާނެތް މަޖާ ޖަވާބު ތަކެވެ.
އެފަދަ އެއް ރިކުއެސްޓެއްގައި ރާއްޖެއަށް ޗުއްޓީހޭދަކޮށްލަން ފޮނުވައިދިނުމަށްވެސް މީގެކުރިން މީހަކު ސޯނޫ ގާތުގައި އެދިފައިވެ އެވެ.
ހޯމަ ދުވަހު މީހަކުވަނީ އޭނާގެ ކައިވެނި ކޮށްދެވޭނެތޯ ސޯނޫގާތު އަހާފައެވެ. އޭގެ ޖަވާބެއްގެ ގޮތުން ސޯނޫ ބުނީ ތިކަން ނުވާންވީ ކީއްވެތޯ އާއި ކައިވެނީގެ މަންތަރު ވެސް އޭނާ ކިޔާދޭނެ ކަމަށެވެ. ނަމަވެސް އިންނާނެ މީހަކު ހޯދުމުގެ ބުރަ އުފުލަންވާނީ އެ ރިކުއެސްޓް ކުރި މީހާކަމަށް ސޯނޫ ވަނީ ސަމާސާ ރާގަކަށް ބުނެފައެވެ.
1999 ވަނަ އަހަރު ސައުތު އިންޑިއަން ފިލްމު ތަކުން އެކްޓިންގ ކެރިއަރފެށި ސޯނޫ މިހާތަނަށް ގިނައިން ކުޅެފައި ހުރީ ވިލަންގެ ރޯލެވެ. ހިންދީ ފިލްމަކުން އެންމެ ފަހުން ސޯނޫ ފެނުނީ 2018 ވަނަ އަހަރު ރޯހިތު ޝެއްޓީގެ ސިމްބާއިންނެވެ.