ދިގު ކިއުގައި ތިބެގެން ވެކްސިން ޖެހުމަށް ހުޅުވާލުމަކީ އެޗްޕީއޭއިން ގައިޑްލައިނަށް އިޙްތިރާމް ނުކުރުން

ދިގު ކިއުގައި ތިބެގެން ވެކްސިން ޖެހުމަށް ހުޅުވާލުމަކީ އެޗްޕީއޭއިން ގައިޑްލައިނަށް އިޙްތިރާމް ނުކުރުން

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 04:27
0

ދުވާލެއްގެ މައްޗަށް މަރުކަޒަކުން ވެކްސިންދެވޭ ޢަދަދެއް ކަނޑަނާޅާ، ދިގު ކިޔުފަތިދަމަން ހުޅުވާލައިގެން މީހުން ބޮނޑިކޮށް ތޮއްޖެއްސުމަކީ އެޗްޕީއޭގެ ގައިޑްލައިނަށް ޚުދު އެޗްޕީއޭވެސް އިޙްތިރާމް ނުކުރުންކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި އެޗްއާރުސީއެމްގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ މިމަހުގެ 15 އާއި ހަމައަށްކަމަށް އެޗްޕީއޭއިން ކަނޑައެޅުމާއެކު، ވެކްސިން ޖަހާ މަރުކަޒުތައް ކައިރިއަށް ވެކްސިން ޖެހުމަށް މީހުން އެއްވެ ދިގު ކިއުތައް ވަނީ ދަމާލާފައެވެ. އެގޮތުން ކިއުތަކުގައި ދޭސީންނާއި ބިދޭސީން ގިނަވެ ގައިދުރުކަން ނެތި ވެކްސިން ޖަހަންގޮސް ތިބިތަން ފެނިގެން ދެއެވެ.

އެކަމާއި ގުޅިގެން ހިސްޓޯ ވިދާޅުވީ، ދުވާލެއްގެމައްޗަށް މަރުކަޒަކުން ވެކްސިންދެވޭ ޢަދަދެއް ކަނޑައެޅުމެއްނެތި އެގޮތަށް ދިގު ކިޔުފަތިދަމަން ހުޅުވާލައިގެން މީހުން ބޮނޑިކޮށް ތޮއްޖެއްސުމަކީ އެޗްޕީއެމްގެ ގައިޑްލައިނަށް ޚުދު އެއިދާރާއިން އިޙްތިރާމް ނުކުރާކަން ދައްކުވައިދޭ ކަމެއްކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހަށިފުރާނަ ނުރައްކަލަށް ހުށަހެޅުމަށް ދެވޭ ދަޢުވަތެއްކަމަށްވެސް ހިސްޓޯ ވިދާޅުވިއެވެ.

ދުވާލެއްގެމައްޗަށް މަރުކަޒަކުން ވެކްސިންދެވޭ ޢަދަދެއް ކަނޑައެޅުމެއްނެތި މިގޮތަށް ދިގު ކިޔުފަތިދަމަން ހުޅުވާލައިގެން މީހުން ބޮނޑިކޮށް ތޮއްޖެއްސުމަކީ އެޗްޕީއޭގެ ގައިޑްލައިނަށް ޚުދު އެއިދާރާއިން އިޙްތިރާމް ނުކުރާޙާލު، ރައްޔިތުންގެ ހަށިފުރާނަ ނުރައްކަލަށް ހުށަހެޅުމަށް ދެވޭ ދަޢުވަތެއް.

– ޝިފާޤް މުފީދު

އެޗްޕީއޭއިން ވެކްސިން މަރުކަޒުތަކުގައި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާގޮތުން ފާޑުކިއުން އަމާޒުވެފައިވާއިރު، އެޗްޕީއޭގެ ސިޔާސަތުތަކަށް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވެފައެވެ. މާލެ ސަރަޙައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ދޭން ފަށާފައިވާއިރު، ވެކްސިން ފުރަތަމަ ޑޯޒް ދިނުން އަންނަ ހޯމަ ދުވަހާއި ހަމައަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދާނެއެވެ.

މިއަންނަ އަންގާރަ ދުވަހުން ފެށިގެން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މީހުން:

* ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)
* ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
* ކޮންޓެކްޓަކަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
* ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
* ބައްޔެއްގެ ސަބަބުން ނުވަތަ ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިއާއެކު ރާއްޖޭގައި މިވަގުތު ދެމުންދާ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރުވަނީ ވެކްސިން ދަނީ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.