ކަރަންޓީން ނުވެ ރަށްރަށްދެވޭ އުސޫލު އުވާލުމަކުން އިންތިޚާބަށް އަސަރުނުކުރާނެ: އީސީ

ކަރަންޓީން ނުވެ ރަށްރަށްދެވޭ އުސޫލު އުވާލުމަކުން އިންތިޚާބަށް އަސަރުނުކުރާނެ: އީސީ

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 01:12
0

ކައުންސިލް އިންތިޚާބަށް ކަރަންޓީން ނުވެ ރަށްރަށަށް ކެމްޕެއިން ކުރުމަށް ދެވޭގޮތަށް އެޗްޕީއޭއިން ގައިޑްލައިނަށް ގެނައި އިސްލާހު އުވާލުމަކުން އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިހާރު އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާ އާންމު ކުރަންވާނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ.

މިއާއެކު އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންގެ އެދިވަޑައިގަތުމަށް އެޗްޕީއޭއިން ވަނީ ކަރަންޓީން ނުވެ ފަސް ދުވަހުގެ މުއްދަތަށް ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ރަށްރަށް ދެވޭނެ އައު ގައިޑްލައިނެއް އެކުލަވާލާފައެވެ. ނަމަވެސް ޢާންމުންގެ ފާޑުކިއުންތައް އަމާޒުވެ އެ ގައިޑްލައިން ޢާންމުކުރިތާ 24 ގަޑިއިރު ނުވަނީސް އެޗްޕީއޭއިން ވަނީ އެ ގައިޑްލައިން ރޭ އުވާލިއެވެ.

މިބަދަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، ކަރަންޓީން ނުވެ ކެމްޕެއިން ކުރުމަށް އޮތް އުސޫލު އުވާލުމަކުން އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. ނަމަވެސް އެޗްޕީއޭގެ ފިޔަވަޅުތަކާއެކު ކެމްޕެއިންކުރުން މިނިވަންކަމާއި ހަމަހަމަކަމާއެކު ފުރުޞަތު ދިނުމަށް އެޗްޕީއޭގައި އެދިފައިވާނެކަމަށާއި، އެގޮތުން ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުންނާއި އިދިކޮޅު ކެނޑިޑޭޓުންނަށްވެސް އެއް ހަމައަކުން އަމަލުކުރެއްވުމަށްވެސް އެދިފައިވާނެކަމަށް އީސީން ބުންނެވެ.

އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނާގޮތުން އިންތިޚާބު ބޭއްވުމުގެ 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެއީ މިމަހުގެ 12 އިން އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.