ހއ.ދިއްދޫގައި ހުންނަ އަމާންވެށީގައި ހުރި ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫ އަމާންވެށިން ކުއްޖަކު ޕޮޒިޓިވްވެފައިވާކަން ދިއްދޫ ކައުންސިލުން ބުނެފައިވަނީ މިއަދުއެވެ.
ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުންދާ 15 ކުއްޖަކު ހއ.ދިއްދޫގައި ހުޅުވި އަމާން ވެއްޓަށް ބަދަލުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެތަނުން ޕޮޒިޓިވްވި ކުއްޖާއާއި ކޮންޓެކްޓްވީ ކިތައް ކުދިންކަމެއް އަދި ނޭނެގެއެވެ.
މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ކުދިންގެ ތެރެއިން ބައެއް ކުދިން ފުވައްމުލަކާއި، ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ޤާއިމްކުރި އަމާން ވެށިތަކަށްވެސްވަނީ ބަދަލުކޮށްފައެވެ. އެގޮތުން ފުވައްމުލަކަށް 16 ކުދިން، ފުނަދޫއަށް 16 ކުދިން އަދި އޭދަފުއްޓަށް 17 ކުއްޖަކު ވަނީ ބަދަލު ކޮށްފައެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ދަޢުލަތުގެ ބެލުމުގެދަށަށް ނަގާ ކުދިން އަތޮޅުތަކުގައި ހަދާފައިވާ މަރުކަޒުތަކަށް ބަދަލުކުރަން ފަށާފައިވަނީ އިޖުތިމާޢީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދިނުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ.
ކޮމެންޓު ފޮނުވާ