އަދާލަތު ޕާޓީއަކީ މީހެއްގެ މުދަލެއް ނޫންކަމަށާއި، ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއްވެސް ނޫންކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފްސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ، ސިޔާސީ އެކި ދުވަސްވަރު ސިޔާސީ ޕާޓީތަކަށް އެކި މީހުން އައިސް ގޮސްފައިވާކަމަށާއި، ސިޔާސީ ޕާޓީތައް އުފަންވެ ގެއްލިގެން ގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީ އަކީ ރާއްޖޭގެ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރާ ޕާޓީއެއްކަމަށެވެ. އަދި އެޕާޓީއަކީ އެއްވެސް މީހެއްގެ މުދަލެއް ނޫންކަމަށާއި، ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއްވެސް ނޫންކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީ އަކީ ސަރުކާރު ކޯލިޝަންގެ މުހިންމު ބައިވެރިއެއްކަމަށާއި، އެޕާޓިން ސަރުކާރުގައި މުހިންމު ދައުރެއް އަދާކުރަމުންވެސް އަންނަކަމަށްް އޭނާ ވިދާޅުވިއެވެ. އަދި ދީނާއި ޤައުމުގެ ދިފާޢުގައި އަދާލަތުން އަބަދުވެސް މަސައްކަތްކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ޢަލީ ޒަހިރު ވަނީ އަދާލަތުން އަބަދުވެސް ކުރިއަށްދާނީ އެޕާޓިގެ ސިޔާސަތުތަކައިގެންކަމަށްވެސް ވިދާޅުވެފައެވެ.
އެންމެ ފަހުން ބޭއްވި އަދާލަތު ޕާޓިގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ޢަލީ ޒާހިރު ވާދަކުރައްވާފައެއް ނުވެެއެވެ.
ކޮމެންޓު ފޮނުވާ