ވެކްސިން ޖެހުމުން ރޯދައެއް ނުގެއްލޭނެ: ޔޫކޭ-މުސްލިމް ސިއްހީ ތަޖުރިބާކާރުން

ވެކްސިން ޖެހުމުން ރޯދައެއް ނުގެއްލޭނެ: ޔޫކޭ-މުސްލިމް ސިއްހީ ތަޖުރިބާކާރުން

Author
ހުސެއިން
04 މާރޗް 2021 12:23
0

ރޯދަމަހު ރޯދައަށް ހުރެ، ކޯވިޑް19 ވެކްސިން ޖެހިކަމުގައިވި ނަމަވެސް، ރޯދަ ނުގެއްލޭނެ ކަމުގައި ބްރިޓިޝް އިސްލާމިކް މެޑިކަލް ގުރޫޕުން ބުނެފިއެވެ. މި ގްރޫޕުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ، ރޯދައަށް ހުރެ، ކޯވިޑް19 ވެކްސިން ޖެހުމުން ރޯދަ ގެއްލޭނެ ކަމާމެދު އަރާފައިވާ އޮޅުންތައް، ކުރިޔަށް އޮތް ރޯދަމަހުގެ ކުރިން ފިލުވައިދިނުމުގެ ގޮތުންނެވެ.

"އިސްލާމީ ޢިލްމުވެރިން ދެކޭގޮތުގައި، މިހާރު ޔޫކޭގައި ލައިސަންސް ދޫކޮށްފައިވާ ކޯވިޑް19 ވެކްސިން ޖެހުމުގެ ސަބަބުން ރޯދައަށް އަސަރެއް ނުކުރާނެ. ރޯދަމަސް އުޒުރަކަށް ހަދައިގެން ކޯވިޑް19 ވެކްސިން ޖެހުން ލަސް ކުރުމުގެ ބޭނުމެއް ނެތް،" ދަ ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންއިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވެއެވެ.

"ރޯދައަށް ހުރެ، ނިއުޓްރިޝަނަލް ނޫން ބޭނުންތަކަށް ޖަހާ، ސަބްކިއުޓޭނިއަސް، ސަބްޑާމިއަލް، އިންޓްރާ މަސްކިއުލާރ، އިންޓެރޯސިއަސް، ނުވަތަ އިންޓްރާ-އާޓިކިއުލާރ އިންޖެކްޝަންތަކުގެ ސަަބަބުން، އަދި މިފަދަ އިންޖެކްޝަންތަކުގައި ހުންނަ ތަކެތި ދައުރު ވަމުންދާ ލޭގެތެރެއަަށް ދިޔަ ކަމުގައި ވިނަމަވެސް، ރޯދައަށް އަސަރެއް ނުކުރާނެ. މި މަގުތަކަކީ، އެމަގުތައް ބޭނުންކޮށްގެން ހަށިގަޑުގެ ތެރެއަށް ތަކެއްޗާއި ބާވަތްތައް އެރެވުމުން ރޯދަ ގެއްލޭނެކަމަށް ކަޑައެޅިފައިވާ ވަސީލަތްތަކެއް ނޫން. އިންޓްރާ މަސްކިއުލާރ (ހަށިގަޑުގެ މަސްގަޑަށް ޖަހާ އިންޖެކްޝަން)އެއްގެ ގޮތުގައި ހަށިގަށް ޖަހާ ކޯވިޑް ވެކްސިން މިވަގުތު ދެވެން ހުރީ ހަމައެކަނި މަސްގަޑަށް ކަމަށް ވުމާއިއެކު، މިވެކްސިން ޖަހައިގެން ރޯދައަށް އަސަރެއް ނުކުރާނެ،" މެޑިކަލް އެސޯސިއޭޝަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ރޯދަމަހަކީ މުސްލިމް އުއްމަތަށް އަންނަ އެންމެ މާތް އެއް މައްސަރެވެ. އަދި މިއަހަރުގެ ރޯދަމަސް އަންނަނީ އަންނަ އެޕްރިލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން މޭމަހުގެ 12 ވަނަ ދުވަހަށެވެ. އަދި މިއަހަރު ދުނިޔޭގެ 1.5 ބިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަމަސް ފާހަގަ ކުރާނެއެވެ. އަދި ރޯދަމަސް ހިމެނިގެންދަނީ އިސްލާމްދީނުގެ 5 ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމުގައެވެ.

ފާއިތ ވެދިޔަ ޑިސެމްބަރު މަހު، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ފަތުވާ ކައުންސިލްގެ ފަރާތުންވަނީ، އޫރުމަހުގެ ގެލަޓިންފަދަ "ހަލާލު ނޫން މާއްދާތައް" ކޯވިޑް19 ވެކްސިންގައި އެކުލެވިފައިވި ނަމަވެސް، މުސްލިމުންނަށް މިވެކްސިން ޖެހުން ހުއްދަވާނެ ކަމަށް ނިންމާ ފަތުވާއެއް ނެރެފައެވެ. ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ފަތުވާ ކައުންސިލަކީ އެގައުމުގެ އިސްލާމީ ކަންކަމާބެހޭ އެންމެ މަތީ ކައުންސިލެވެ.

"ކޮރޯނާވައިރަސް ހިމެނިފައިވަނީ، ވަކި ވަކި ފަރުދުން ބަލިން ރައްކާތެރިކޮށްދޭ ވެކްސިނެއްގެ ގޮތުގައި، އަދި އިސްލާމްދީނުގައިވެސް ކަޑައަޅުއްވާފައިވާ ގޮތަށް، ބަލި ޖެހިފައި ހުންނަ މިހެއްގެ ކިބައިން، ސިއްހަތު ރަގަޅުކޮށް ހުންން މީހާއަށް ބަލި ވާސިލްވުމުގެ ފުރުސަތު އޮންނަ ހާލަތެއްގައި، އަދި ޚާއްސަކޮށް، މިފަދަ އާލަމީ ވަބާއެއްގެ ތެރޭގައި، މުޅި މުޖަތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ،" ކައުންސިލުން ބުނެފައި ވެއެވެ.

ފައިޒަރ، މޮޑާނާގެ އަދި އެސްޓްރާޒެނެކާގެ ފަރާތުން ވާހަކަ ދައްކަވާފައިވާ ބޭފުޅުން ވިދާޅުވެފައިވަނީ، އެ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތަކުގައި އޫރުމަހުގެ އެއްވެސް ބާވަތެއް ހިމެނިފައި ނުވާނެ ކަމުގައެވެ. އެހެންނަމަވެސް، މި ކުންފުނިތަކުގެ ވެކްސިން ލިބުމުގައި ހުރި ދަތިތަކާ، އަދި ދުނިޔޭގެ އެހެން ކުންފުނިތަކާއެކީ، ދުރާލާ ހެދިފައި ހުރި އެއްބަސްވުންތަކުގެ ދަށުން، ދުނިޔޭގެ މުސްލިމް އާބަދީ ބޮޑެތި، އިންޑޮނޭޝިއާފަދަ ބައެއް ގައުމުތަކަށް އެތެރެ ކޮށްފައިވަނީ، "ގެލަޓިން-ފްރީ" ވެކްސިންގެ ގޮތުގައި ޔަގީންކަން ދީފައި ހުންނަ ވެކްސިންތަކެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.