ރާއްޖޭގެ ފުދުންތެރިކަން އިތުރުވާނީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޭ ސަމާލުކަން އިތުރުކޮށް އެދެ ސިނާއަތަށް ދެވޭ ދައުރު ބޮޑުކޮށްގެން ކަމުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ދެއްވި ހިތާބުގައި ވިދާޅުވީ، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ދަނޑުވެރިކަމާއި މަސްވެރިކަން ޤައުމުގެ އިޤްތިޞާދުގައި އަދާކުރާ ދައުރު ބޮޑު ކުރެވިގެންކަމަށެވެ. އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ފަތުރުވެރިކަމުގެ ސިނާޢަތަށް ވިއްކޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިއްޖެނަމަ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާނެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމަށްވާ ކޯލްޑްސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް ޤާއިމުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބްވާނީ މިދާއިރާގެ މަސައްކަތް ތެރިންނާއި ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ޚިޠާބުގަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމަވާފައިވާ ކަމަށެވެ.
މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން" މި ޝިޢާރެވެ. ދަނޑުވެރިކަމުގެ ދުވަހުގެ ޚިޠާބު ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖެއާއި މުޅި ދުނިޔެ މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކުންވެސް، އެ ޝިޢާރާ އެއްގޮތަށް، މުޅި ޤައުމު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުކަމަށެވެ.
ކޮމެންޓު ފޮނުވާ