ދުވިސައްތައަށް ވުރެ ގިނަ ދުވަހަށްފަހު ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލާފައެވެ.
ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށްޓަކައި މިއަދު ވަނީ ޙާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. މިރަސްމިޔާތު އޮތީ މާލެ އަތޮޅު މާފުށީގަ އެވެ. މާފުއްޓަކީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުޅާކޮށް ފަތުވެރިކަން އޮތް ރަށެވެ. މާފުށީގައި އޮތް މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން އަލުން ގެސްޓް ހައުސްތައް ހުޅުވާލަން ފަށާއިރު، 9 ރަށަކުން 16 ތަނެއް މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ރަށު ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކޮށް، 9 ރަށަކުން 16 ތަނެއް މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. ޓުވަރިޒަމް މިނިސްޓްރީން ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިންގް ޕްރޮސިޖަރ، އެސް.އޯ.ޕީތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 16 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާކަމަށެވެ.
ރާއްޖެއިން ވަނީ މިހާރު ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓްް ހެދުމުގައި އޮންނަ އުސޫލަށް ބަދަލު ގެނެސް އިތުރު ލުއިތަކެއްވެސް ދީފަ އެވެ. އެގޮތުން މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން، ރާއްޖެއަށް އެތެރެވެވޭނީ 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުގައި ކަމަށްވީނަމަވެސް މިހާރު ފަތުރުވެރިން ހުށަހަޅަންޖެހޭނީ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއްކަމަށެވެ.
ރާއްޖެއަށް އެތެރެވުމަށް ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފައިވާއިރު، މިހާރު ރާއްޖެއިން ފުރާ ފަތުރުވެރިންނަށްވެސް މި ޓެސްޓް ހެދޭނެ އިންތިޒާމް 4 ސަރަހައްދެއްގައި ވަނީ ހަމައްސާފައެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި މާލޭގައިނަމަ ފޮލިސް ލެބް އަދި އައިޖީއެމް ހޮސްޕިޓަލެވެ.
ކޯވިޑް19އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ބާވީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ