ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކްޔޯ އޮލިމްޕިކްސް ބޭއްވުމަށް އެންމެ 5 މަހަށް ވެފައިވަނިކޮށް، މިއަދު ކޯވިޑް19 ވެކްސިން ޖަޕާނުގައި ދޭން ފަށައިފިއެވެ.
ޖަޕާނުން މިހާތަނަށް އެގައުމުގައި ހުއްދަ ކޮށްފައިވަނީ ފައިޒަރ/ބައޯއެންޓެކް ވެކްސިން އެކަންޏެވެ. އަދި މިވެކްސިން، އަންގާރަދުވަހު ހެދުނު އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ، ޓޯކިޔޯ ހޮސްޕިޓަލްގައެވެ. ޖަޕާނުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިފައިވަނީ އެގައުމުގެ ސިއްޙީ އެހީތެރިންނަށެވެ.
ކޯވިޑް19 ވެކްސިން ތަހުލީލު ކުރުމަށްޓަކާ ކުރިޔަށް ގެންދެވުނު ތަހުލީލުތަކުން ބޭރުން، އެންމެ ފުރަތަމަ އެގައުމުގައި މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވަނީ، ޓޯކިޔޯ މެޑިކަލް ސެންޓަރުގެ ޗީފް ކަޒުހިރޯ އަރަކިއަށެވެ.
"ކޮރޯނާ ވައިރަހުން ސަލާމަތް ވުމަށްޓަކާ ކުރެވޭ މަސައްކަތުގައި މި ވެކްސިން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. އެހެންވީމާ އަހަރެން ގަބޫލުކުރީ، މިތަނުގެ ޑައިރަކްޓަރެއްގެ ހައިސިއްޔަތުން، މިވެކްސިން ޖެހުމުގައި އަހަރެން އިސް ނަގަންޖެހޭނެ ކަމަށް،" ވެކްސިން ޖެހުމަށް ރިޕޯޓަރުންނާއި ބައްދަލުކޮށް ކަޒުހިރޯ ވިދާޅުވެފައި ވެއެވެ.
"ގިނައިން އިންޖެކްޝަން ޖެހުމަކީ އަހަރެން އެހާ ގަޔާވާކަމެއް ނޫން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
"އެހެންނަމަވެސް، މިވެކްސިން ޖަހައިގެން ތަދެއް އިހުސާސެއް ނުކުރެވޭ، އަހަރެން މިހުރީ ވަރަށް ހިންހަމަ ޖެހިފައި."
ޖަޕާނުގައި ވެކްސިން ދޭން ފެށުމަށްފަހު، އެގައުމުގެ ވައިސް ހެލްތު މިނިސްޓަރ ހޮރޯޝީ ޔަމަމޯޓޯ ރިޕޯޓަރުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައިވަނީ، ޖަޕާނުގައި އެންމެ ފުރަތަމަ ވެކްސިން ދޭން ފެށިތަން ފެނިފަ އޭނާއަށް ވަރަށް "އާދަޔާ ޚިލާފު" އިހުސާސްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.
"ކޯވިޑް19ގެ އެންމެ ކުރީސަފުގައި ހަރްކާތްތެރި ވަމުންދާ އެންމެހާ ސިއްޙީ އެހީތެރިންނަށް އަހަރެން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވެފައި ވެއެވެ.
ވެކްސިން ދޭން ފެށުމާއެކު، މީޑިއާގެ ހާޒިރުގައި ޓޯކިޔޯ ހޮސްޕިޓަލްގެ 12 މުވައްޒަފަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ 800 މުވައްޒަފަކަށް މިއަދު ވެކްސިން ދެވިގެންދާނެއެވެ.
ޖަޕާނުގެ ސަރުކާރުން ނިންމާފައިވަނީ، އެގައުމުގެ 40،000 ސިއްޙީ އެހީތެރިންނަށް އެންމެ ފުރަތަމަ ވެކްސިން ދިނުމަށެވެ. މީގެތެރެއިން 2،000 މީހުންނަށް ވެކްސިންގެ 2 ޑޯޒުން ކުރާ އަސަރުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ފައިޒާ/ބައިއޯއެންޓެކް ދެވަނަ ޑޯޒްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ، 3 ހަފްތާގެ ދުރުމިނެއްގައެވެ. އަދި ދެޑޯޒު ހަމަކުރާ މީހުންގެ ތެރެއިން، ވެކްސިންގެ އަސަރުކުރާ ގޮތް ދެނެގަތުމަށްޓަކާ މޮނިޓަރ ކުރުމަށް ހަމަޖެހިފައިވާ މީހުން، ދުވަހުން ދުވަހަށް އެމީހުންގެ ހާލަތު ބަޔާން ކޮށްދޭ ރެކޯޑުތައް ބަލަހައްޓަން ޖެހެއެވެ.
ޖަޕާނު ސަރުކާރުން ނިންމާފައިވަނީ، މާރޗްމަހުން ފެށިގެން އެގައުމުގެ 3.7 މިލިއަން ހެލްތު ވޯކަރުންނަށް ވެކްސިން ދީ ނިންމުމަށެވެ. އަދި އެގައުމުގެ 65 އަހަރުން މަތީގެ 36 މިލިއަން މީހުންނަށް އެޕްރިލް މަހުން ފެށިގެން ވެކްސިން ދޭން ފެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށްފަހު، ދެން ވެކްސިންދޭން ފެށުމަށް ހަމަޖެހިފައިވަނީ، ސިއްޙީ ތަފާތު މައްސަތަށް ކުރިމަތިވެފައި ތިބޭ މީހުންނަށެވެ. އެއަށްފަހު، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މީހުންނަަށް ވެކްސިން ދޭންފެށުމަށް ވަނީ ޕްލޭން ކުރެވިފައެވެ. އަދި އެއަށްފަހު ހުރިހާ އުމުރު ފުރައެއްގެ ރައްޔިތުންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައި ވެއެވެ.
އެހެންނަމަވެސް، މިއުމުރުފުރާތަމަށް ވެކްސިން ދޭން އެކުލަވާލާފައިވާ ޝެޑިއުލްގެ އިތުރު ތަފްސީލެއް ޖަޕާން ސަރުކާރުން އާންމު ކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ވެކްސިން ދޭންފެށުމުގައި ޖަޕާން ސަރުކާރު ވަރަށްބޮޑަށް ފަހަތުގައި ވާކަމަށް، ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ، އަންގާރަ ދުވަހު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
"އެހެންނަމަވެސް މިއަދު މިވަނީ ވެކްސިން ދޭން ފެށިފަ، އަދި ޖަޕާނުގެ އެންމެހާ ރައްޔިތުންނަށް ވެކްސިން ދެވޭނެ ފުރިހަމަ އިންތިޒާމު އެންމެ ފުރިހަމަޔަށް ހަމަޖެހިފައިވާކަން ޔަގީން ކުރުމަކީ ސަރުކާރުގެ ޒިންމާއެއް،" ބޮޑުވަޒީރު ސުގާ ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ