އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ވަނީ ލޯބިވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. ބޮލީވުޑްގައި މިވަގުތު އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ނަން މަޝްހޫރު މި ދެ ތަރިންވެސް ވަނީ ސޯޝަލް މީޑިއާގައި މިދެމީހުންގެ ލޯބިވެރިންގެ ދުވަހުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.
ލޯބިވެރިންގެ ދުވަސްފާހަގަ ކުރުމަށްޓަކައި، މި ދެ ލޯބިވެރިންވަނީ "ރޮމޭންޓިކް ކެންޑަލް ލައިޓް ޑިނާ" އެއް ބާއްވާފައެވެ. އަދި މި މާހައުލުވަނީ މަލުން ފުރާލާފައެވެ.
މަލައިކާ ވަނީ މި އުފާވެރި ފޮޓޯތައް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. މި ފޮޓޯތަކުގައި މަލައިކާ ފެނިގެންދަނީ ހުދު ކުލައިގެ ހަދެމެއްގައެވެ. އޭނަގެ ކުރިމަތީގައި ރަތް ފިނިފެންމާ ބޮޑިއެއް އޮތްއިރު ކައިރީގައި އުއްބައްތި ޑިޒައިންގެ ބޮކި ހުއްޓެވެ. އަދި ޑިނާގެ މެނިއުވެސް ފެންނަން އޮތެވެ.
މި ރީތި މާހައުލުގެ ގިނަ ފޮޓޯތައް އަރުޖުން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރިއެވެ. އެގޮތުން ހުދު ކުލައިގެ ކެނޮޕީއެއް ސީލިންގުގައި އޮތްއިރު، ސީލިންގަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެލުވާފައި ހުރި ފެއަރީ ލައިޓްސްއިންނެވެ. މީގެ އިތުރުން ކުރި ބައްތި އާއި މަލުންވަނީ ބިންމަތި ޒީނަތްތެރި ކޮށްފައެވެ. ޒީނަތްތެރި ކޮށްފައި ވާ މާހައުލާއި މަލައިކާ ފެންނަގޮތަށް ކަޅާއި ހުދުގެ ފޮޓޯއެއްވެސް އަރުޖުން ވަނީ ހިއްސާކޮށްފަ އެވެ.
މަލައިކާ އާއި އަރުޖުން ލޯބީގެ ގޮތުން ގުލިގެން އުޅޭތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ. ފިލްމުފެއާ އާއި ވާހަކަ ދައްކަމުން އަރުޖުން ބުނެފައިވަނީ އެންމެނަށް އެދެމީހުންގެ ގުޅުން އެނގޭ ކަމަށާއި މީޑިއާވެސް އާންމުންވެސް އެދެމީހުންގެ ގުޅުމަށް އިހުތިރާމްކުރާތީ އުފާކުރާ ކަމަށެވެ. އަދި ދެމީހުންގެ ގުޅުމުގެ ވާހަކަ އާންމުކުރަން ނިންމީވެސް އެހެންވެކަމަށް އަރްޖުން ވަނީ ބުނެފައެވެ.
ނަމަވެސް ކައިވެނި ކުރުމުގެ އެއްވެސް ޚިޔާލެއް އަދި ނެތްކަމަށާއި، ބެލުންތެރިން ކައިވެންޏާ ގުޅޭގޮތުން ސުވާލު ކުރަނީ ކީއްވެގެންކަން އޭނާއަށް އެނގޭ ކަމަށްވެސް އަރުޖުން ވަނީ ބުނެފައެވެ.
އަރްޖުން ބުނީ "ކައިވެނި ކުރަނީ ކޮންއިރަކުން" މިއީ އާއިލާގެ ތެރެއިންވެސް އާންމުކޮށް އަންނަ ސުވާލެއް ކަމަށާއި އެއީ މާބޮޑު ކަމެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ. ސަބަބަކީ އެއީ އިންޑިއާގެ އާދަތަކުގެ މަތިން އަންނަ ސުވާލެއްކަން އޭނާއަށް އެނގޭތީ ކަމަށް އަރްޖުން ވަނީ ބުނެފައެވެ.
އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ވާހަކަތަށް އެންމެ ބޮޑަށް ދެކެވެނީ އެދެތަރިންގެ އުމުރާ ގުޅުވައިގެންނެވެ. އަރްޖުން އަކީ މަލައިކާއަށް ވުރެ 12 އަހަރު ހަގު މީހެކެވެ.