އެމެރިކާގެ ސިއްޙީ އެހީތެރިންނާ އަދި، ކޯވިޑް19ގެ ނުރައްކާތެރިކަން އެންމެ ބޮޑު ގިންތިތަކުގެ މީހުންނަށް އަދިވެސް ވެކްސިން ދެވިފައި ނުވާތީ، ޓެރަރިޒަމްގެ ތުހުމަތުގައި އެމެރިކާގެ ގުއަންޓަނަމޯ ބޭގައި ހައްޔަރު ކޮށްފައިތިބި ގައިދީންނަށް ކޯވިޑް19 ވެކްސިން ދިނުން އެގައުމުން މަޑު ޖައްސާލާައިފިއެވެ.
"ގުއަންޓަނަމޯ ބޭގެ އެއްވެސް ގައިދީއަކަށް އަދި ވެކްސިން ދީފައެއް ނުވޭ،" ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ޓުވީޓް ކޮށްފައި ވެއެވެ. އަދި "މި ޕްލޭނާގެން ކުރިޔަށް ދިއުން އަހަރުމެން މި މަޑުޖައްސާލަނީ، އަހަރުމެންގެ ސިފައިން ހިމާޔަތްކުރުމުގެ ޕްރޮޓޮކޯލްތައް އަލުން މުޠާލިއާ ކުރުމަށް. އަހަރުމެންގެ އެންމެ މަތީ މަސްލަހަތަކީ އަހަރުމެންގެ ސިފައިން ހިމާޔަތްކުރުން."
No Guantanamo detainees have been vaccinated. We’re pausing the plan to move forward, as we review force protection protocols. We remain committed to our obligations to keep our troops safe.
— John Kirby (@PentagonPresSec) January 30, 2021
ކިއުބާގެ ގުއަންޓަނަމޯ ބޭގައި ހުންނަ އެމެރިކާގެ ނޭވީ ބޭސްއަކީ، އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަގުރާމއިގައި ހައްޔަރުކުރާ "ޓެރަރިސްޓުން" ހައްޔަރު ކޮށްފައި ބައިތިއްބާ މައި މަރުކަޒެވެ.
މިތަނުގައި މިހާރު ހައްޔަރުކުރެވިފައިވާ މީހުންގެ ތެރޭގައި، އަލްގައިދާގެ އިސް ބައެއް ވެރިންގެ އިތުރުން، އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާ ރޭވިކަމަށް އެމެރިކާއިން ތުހުމަތު ކުރާ ޚާލިދު ޝެއިޚް މުހައްމަދުވެސް ހިމެނެއެވެ.
ފާއިތުވެދިޔަ ހަފްތާގެ ކުރީކޮޅު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހައްޔަރުކޮށްފައިވާ މީހުންނާ އަދި ހުރިހާ ގައިދީންނަށްވެސް އެގައުމުން ކޯވިޑް19 ފޯރުކޮށްދޭނީ ގައިދީންގެ އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ.
ޑިފެންސް ޑިޕާޓްމަންޓުން މިކަން ހާމަކުރުމާއެކު، ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ފާޑުކިއުންވަނީ ރައީސް ޖޯ ބައިޑްންއަށް ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
"ރައީސް ޖޯ ބައިޑްން ވިދާޅުވެފައިވަނީ، ފުރަތަމަ ދުވަހު މި ވައިރަސް ބަލި ކުރައްވާނެ ކަމަށް. އެމެރިކާގެ ރައްޔިތުންނަށް ވުރެ ކުރިން މި ވެކްސިން ޓެރަރިސްޓުންނަށް ދޭނެ ވާހަކައެއް ނޫން ވިދާޅުވެފައިވަނީ،" ސެނެޓްގެ، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މައިނޯރިޓީ ލީޑަރ ކެވިން މެކާތީ ވިދާޅުވިއެވެ.
ނިއުޔޯކު ސިޓީ ގާނޫނު ހަދާ މަޖިލިހުގައި ތަމްސީލުކުރާ އެލިސް ސްޓެފަނިކް ވިދާޅުވެފައިވަނީ، "ވެކްސިން ބޭނުންވެފައި ތިބި އެމެރިކާގެ ރައްޔިތުންނަށްވުރެ، ރައީސް ބައިޑްންއަށް ޓެރަރިސްޓުން މުހިންމު ވެގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަދި ޢޭޢި އެމެރިކާ ވަންތަ ކަމެއްވެސް ނޫން،" ކަމުގައެވެ.
އެމެރިކާއަކީ މުޅި ދުނިޔެއިންވެސް ކޯވިޑް19ގެ ހާލަތު އެންމެ ގޯސް ގައުމެވެ. މިގޮތުން އެމެރިކާގައި މިހާތަނަށް މިބަލީގައި 436،000 މީހުން މަރުވެފައިވާއިރު، 26 މިލިއަން މީހުންނަށް މިބަލި ވަނީ ޖެހިފައެވެ.
ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑްން ވައުދު ވެވަޑައިގެންފައިވަނީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން މީހުންނަަށް ވެކްސިން ފޯރު ކޮށްދެއްވާނެ ކަމަށެވެ. އެހެންނަމަވެސް، ވެރިކަމުގެ ހުވާ ކުރެއްވިއިރުވެސް، މިއަދަދުޣޭ ބޮޑުބައި ހާސިލް ކުރެވިފައިވާތީ، ގިނަ ބަޔަކު ބުނަމުންދަނީ، މިއީ ފުރަތަމަ 100 ދުވަހަށް އެންމެ އަކަށީގެންވާ ވަރަށް މާމަދު އަދަދެއް ކަމުގައެވެ.
އަދި މީގެއިތުރުން ވެކްސިން ސަޕްލައި ކުރުމުގައި ކުރިމަތިވަމުންދާ ދަތިތަކާ، އަދި އުމުރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓު ހެދުމުގައި ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން އުއްމީދު ކުރެވުނު ވަރާ ގާތަށްވެސް އެމެރިކާގައި ވެކްސިން ދެވެމުން ނުދެއެވެ.
އެމެރިކާގެ ސިއްޙީ އިދާރާތަކުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާގޮތުން، އެގައުމުގެ އެކި ހިސާބުތަކަށް ސަޕްލައި ކުރެވިފައިވާ 50 މިލިއަން ވެކްސިން ޑޯޒުގެ ތެރެއިން މިހާތަނަށް ދެވިފައިވަނި 30 މިލިއަން ޑޯޒްގެ ވެސިނެވެ.
ކޮމެންޓު ފޮނުވާ