ޖޯންސަން އެންޑް ޖޯންސަންއިން އުފެއްދި އެއް ޑޯޒްގެ ވެކްސިން އެހާ ކާމިޔާބުކަމަށް ނުދެއްކި

ޖޯންސަން އެންޑް ޖޯންސަންއިން އުފެއްދި އެއް ޑޯޒްގެ ވެކްސިން އެހާ ކާމިޔާބުކަމަށް ނުދެއްކި

Author
ހުސެއިން
30 ޖެނުއަރީ 2021 07:00
0

އެންމެ ޑޯޒަކުން، ކޯވިޑް19އިން ރައްކާތެރިކޮށްދޭ ގޮތަށް ޖޯންސަން އެންޑް ޖޯންސަންއިން އުފެދި ވެކްސިން، ބަލިން ރައްކާތެރި ކޮށްދިނުމުގައި، ދެ ޑޯޒުން ދީގެން ކޯވިޑުން ރައްކާތެރިކަން ފޯރުކޮށްދޭގޮތަށް، ވާދަވެރި ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތަކާ އަޅާބަލާއިރު، އެހާ ކާމިޔާބު ނޫންކަމަށް ދައްކައިފިއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ހުކުރުދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިތުރުން، އިތުރު 7 ގައުމެއްގައި އެކުންފުނިން ކުރިޔަށް ގެންދިޔަ ތަހުލީލުތަކުން ދައްކާ ގޮތުގައި، ކޯވިޑް19ގެ އާދައިގެ ހުމުން ފެށިގެން ގޮސް، ބަލީގެ ހާލަތުގޯސް ހުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެކުންފުނީގެ މި ވެކްސިން ފުރިހަމަ ކަމަށް ދައްކަނީ %66 އެވެ. އެހެންނަމަވެސް، ބަލީގެ އެންމެ ނުރައްކާތެރި ހާލަތުން ރައްކާތެރި ކޮށްދިނުމުގައި، މިވެކްސިން %85 ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށްވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ހާމަކޮށްފައި ވެއެވެ.

މިވެކްސިން މަސައްކަތް ކުރި ގޮތަށް ބަލާއިރު، އެކި ސަރަހައްދުތަކުން ދައްކާފައިވަނީ ތަފާތު ނަތީޖާަތަކެކެވެ. މިގޮތުން އެމެރިކާގައި، ބަލީގެ އާދައިގެ ހާލަތުން ފެށިގެން ގޯސްހާލަތުގެ ބަލިމީހުންގެ މެދުގައި ވެކްސިން ކާމިޔާބުކަމަށް %72 ދައްކާފައިވާއިރު، މިހާލަތުގައިވާ ބަލިމީހުންގެ މެދުގައި ސައުތު އެފްރިކާގައި ވެކްސިން ކާމިޔާބުކަމަށް ދައްކާފައިވަނީ %57 އެވެ. އެހެންނަމަވެސް، ސައުތު އެފްރިކާގައި ވެކްސިން ދީފައިވަނީ، އަސްލު ވައިރަހަށްވުރެ ފަސޭހައިން ފެތުރެމުންދާ ވޭރިއަންޓަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަން ފާހަގަ ކުރެވެއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ފާމަސޫޓިކަލް ޔުނިޓްގެ ޗީފް ގްލޯބަލް ރިސާޗަރ ޑރ. މަތާއި މަމެން ވިދާޅުވި ގޮތުގައި، "އެއް ޑޯޒް ވެކްސިނަކުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭތޯ، ހާލަތަށް ބަލާއިރު، މަސައްކަތް ކޮށްލުމަކީ ރަގަޅު ކަމެއް" ކަމުގައެވެ.

ކޯވިޑް19އާއި ދެކޮޅަށް ވެކްސިން ފޯރުކޮށް ދިނުމުގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު، ސިއްޙީ ތަޖުރިބާކާރުން ދިޔައީ އެއް ޑޯޒުން ރައްކާތެރިކަން ފޯރުކޮށްދޭ މިވެކްސިނާމެދު ވަރަށް ބޮޑަށް އުއްމީދު ކުރަމުންނެވެ. ސަބަބަކީ، ވެކްސިން ސަޕްލައި ކޮށްދިނުމުގައި ލިބިގެންދާނެ ލުއި ފަސޭހަތާކާއި އަދި، ދެވަނަ ޑޯޒެއް ދިނުމުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތަކުން ސަލާމަތްވެ، މިހާލަތުގައި އެތައް ގުނައަކުން ލުއިފަސޭހަކަން ލިބިގެންދާނެތީއެވެ.

އެހެންނަމަވެސް، ދެޑޯޒުގެ ގިނަ ވެކްސިންތަކުން %95 ރައްކާތެރިކަން ފޯރުކޮށް ދޭކަމަށް ދައްކާއިރު، އެއްޑޯޒުގެ ވެކްސިނުން އެއަށްވުރެ މާކުޑަކޮށް ފޯރުކޮށްދޭ ރައްކާތެރިކަން ހޯދުމަށް ދާންޖެހޭ ސަބަބެއް އޮތްތޯ، މިއީ މިއަދު ސްޙީ މާހިރުންގެ މެދުގައި އުފެދިފައިވާ ވަރަށްބޮޑު ސުވާލެކެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނެފައިވަނީ، މިވެކްސިނަށް އެމްޖެންސީ ހުއްދަ އެމެރިކާގައާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހޯދުމަށް ކުރިޔަށް އޮތް ހަފްތާ ތެރޭގައި އެކުންފުނިން ހުށަހަޅާނެ ކަމަށެވެ.

އަދި މިކުންފުނިން އުއްމީދު ކުރަނީ އެމެރިކާއަށް ވެކްސިންގެ 100 މިލިއަން ޑޯޒު ސަޕްލައި ކުރެވޭނެ ކަމަށެވެ. މިގޮތުން އެމެރިކާގެ ކަމާގުޅޭ މުވައްސަސާތަކުން ހުއްދަ ދިނުމާއެކު ސަޕްލައިކުރަން ފެށޭވަރަށް ވެކްސިން ތައްޔާރުކުރުމަށް މިހާރު ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ.

ދުނިޔެއިން މިހާރު 2 މިލިއަނަށްވުރެ ގިނައި މީހުން މަރުވެފައިވާ ކޯވިޑް19އިން ފުރިހަމައަށް ރައްކާތެރިވުމަށް، އެތައް ބިލިއަން ޑޯޒެއްގެ ވެކްސިން ދުނިޔެއަށް ބޭނުން ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.