ޝަރުޢީ ދާއިރާ އިޞްލާހު ކުރެވިއްޖެ: އީވާ

ޝަރުޢީ ދާއިރާ އިޞްލާހު ކުރެވިއްޖެ: އީވާ

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2020 11:06
0

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާހު ކުރެވިއްޖެކަމަށާއި އަދިވެސް ކުރަންހުރި މަސައްކަތް އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ނުހައްގު މުއްސަނދިކަން ކުށެއްކަމަށް ކަނޑައެޅުމަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، ކޯޓުތައް އިޞްލާހުކުރެވުނީ ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީގެ މަސައްކަތުންކަމަށެވެ. އަދި އެހެން މިނިވަން މުއައްސަސާތައްވެސް އިޞްލާހުވަންދެން އެމަސައްކަތް ކުރަންޖެހޭކަމަށާއި، މިއީ މުޅި ދައުލަތް ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި، ކޮމިޝަންތަކާއި، ފުލުހުންނާ، ޕްރިސެކިއުޓަރ ޖެނެރަލުންނާ ގުޅިގެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއްކަަށްވެސް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ.

"މީގެ ދެހަފްތާއެއް ކުރިން މީހަކު ބުނި، އިދިކޮޅު ޕާޓީގެ މެންބަރަކު ބުނި މިހާރު ދިވެހިރާއްޖޭގެ ކޯޓުތަކުން ކޯޓް ޢަމުރު ގަންނާކަށް ނުލިބޭ. އަޅުގަނޑަށް ހީވަނީ އެވިދާޅުވީ ދެން މިހާރު ފަނޑިޔާރުން ރިޝްވަތު ނެގުމުގެ ވާހަކަ ތަންކޮޅެއް ކުޑަވިއްޔޭ ނުވަތަ ރިޝްވަތު ފަނޑިޔާރުން މިހާރު ނުނަންގަވަނީއޭ ނުވަތަ ރިޝްވަތު ނުވެސް ދެވެނީއޭ ދިވެހިރާއްޖޭގެ ކޯޓުތަކަށް. އެއީ އަޅުގަނޑުގެ އުންމީދަކީ. އިއްޒަތްތެރި ރައީސް އެހިސާބަށް ގެންދެވެންދެން އަޅުގަނޑުމެން ޖެހޭނެ މިވާހަކަ ދައްކަދައްކާ ތިބެން." މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

އިވާގެ އެވާހަކަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވީ، ރާއްޖޭގެ ޝަރުޢީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ރައިސް ނަޝީދު ވިދާޅުވީ، ފަނޑިޔާރުން ރިޝްވަތު ނެގުމާއި ނާޖާއިޒް ފައިދާ ނެފުމުގެ ވާހަކަތަކަކީ އަބަދުވެސް މިރާއްޖެއިން އިވޭ ވާހަކަތަކެއްކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ރައްޔިތުން ދިނީ އެނިޒާމް އިޞްލާހުކުރުމަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޝަރުޢީ ނިޒާމަށް ހެޔޮބަދަލުތަކެއް މިހާރު އައިސްފައިވާކަމަށާއި، އެއީ މަޖިލީޖުގެ ފޯކަސް އެދާއިރާއަށް ނުގެއްލޭތީކަމަށެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: މަޖިލިސް

"ކޯޓުތައް ރަނގަޅުވަނީ އިއްޒަތްތެރި މެންބަރުން މަސައްކަތްކޮށްދެއްވާތީވެ. މިމަޖިލީހުން ވަރަށް ގާތުން އެކަންކަން ބައްލަވާތީވެ. އަދި ޖުޑީޝަރީ ކޮމިޓީގެ ފޯކަސްވެސް ނަޒަރުވެސް ކޯޓުތަކަށް ނުގެއްލޭތީވެ. އަދި ތިއިއްޒަތްތެރި މެންބަރުންގެވެސް ނަޒަރު ނުގެއްލޭތީވެ."ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ޝަރުއީ ނިޒާމު އިޞްލާހުކޮށް ރައްޔިތުންގެ އިތުބާރާ ޔަގީންކަން ހޯދާދިނުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.