ކޯވިޑް-19: އިތުރު ލުއި ދިނުމާއިމެދު ދަނީ މަޝްވަރާ ކުރެވެމުން

ކޯވިޑް-19: އިތުރު ލުއި ދިނުމާއިމެދު ދަނީ މަޝްވަރާ ކުރެވެމުން

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 10:37
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެ އެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވާކަމަށެވެ. އެގޮތުން ރޭގަނޑު ވެހިލަކް ދުއްވޭ ގަނޑި ރޭގަނޑު 10 ޖެހުމާއި ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މީގެ އިތުރުންވެސް މިހާރު ސްކޫލުތަކުގެ ބައެއް ގްރޭޑްތަކަށް ކިޔަވައިދޭން ފެށުމާއި އަދި މިހާރު ބަލީގެ ސްކޯ ހުރި މިންގަނޑަށް ބަލާއިރު، އިތުރު ލުއިތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތަކެއް ދެވިގެންދާނެކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވީ ލުއިތަކެއް ދިންނަމަވެސް ބަލީގެ ނުރައްކާ އިތުރުވާނަމަ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރެވިގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ ލުއިތައް ދިންނަމަވެސް ރައްކާތެރިކަމަށްޓަކައި އެޗްޕީއޭއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ކުރާނެކަމަށެވެ. ޚާއްސަކޮށް ސްކޫލުތަކާއި އަދި އެނޫންވެސް ތަންތަން ހުޅުވަން ހުއްދަދޭއިރު، ގައިޑްލައިނާއިއެއްގޮތަށް އެތަންތަނުގެ ކަންކަން ހަމަޖެހިފައިވޭތޯ ބަލަމުންދާނެކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ރާއްޖެއިންމިހާރު ކޯވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމުން ބައެއް ފަރާތްތަކުން ބަލީގެ ނުރައްކާ ކުޑަކަމަށް ދޭހަވާ ގޮތަށް ވާހަދައްކައި ކޯވިޑް ނެތްކަމަށް ދެކޭކަމަށެވެ. ނަމަވެސް މިބައްޔަކީ ކޮންމެ ހާލަތަކެއްގައިވެސް އިތުރުވެ ނުރައްކާ ބޮޑުވެދާނެ ބައްޔަކަށްވާތީ ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ނަޒްލާވަނީ އިލްތިމާސް ކުރައްވާފަ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.