ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއާއި އަޅާބަޅާއިރު ރާއްޖޭގެ ދަރަނި އިތުރުވާން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ހެދި 2018 ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާއި ގުޅޭ އޮޑިޓް ރިޕޯޓްގައި ދައުލަތުގެ ދަރަނި ހުންނަންޖެހޭނީ ޖީޑީޕީއާއި އަލާބަލާއިރު 60 އިންސައްތައިން ދަށުގައިކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެނިސްބަތް 2014 ވަނަ އަހަރު 57 އިންސައްތާގައި ހުރުމަށްފަހު އިތުރުވާން ފަށާފައިވާކަމަށާއި، އެގޮތުން 2015 ވަނަ އަހަރު ޖީޑީޕީއާއި އަޅާބަލާއިރު ދަރަނި ހުރީ 56 އިންސައްތާގައިކަމަށެވެ. 2016 ވަނަ އަހަރު އެޢަދަދު 64 އިންސައްތައަށް އިތުރުވިކަމަށް އޮޑިޓް ރިޕޯތްގައިވެއެވެ. އަދި 2018 ވަނަ އަހަރު އެނިސްބަތް 71 އިންސައްތައަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަނގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 1.8 ބިލިއަން ރުފިޔާގައިކަމަށާއި، ނަމަވެސް އެޢަދަދު އިތުރުވަމުން ގޮސް 2018 ވަނަ އަހަރު އެޢަދަދު 3.08 ބިލިއަނަށް އިތުރުވެފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އެއީ 1.27 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ރާއްޖޭގެ ދަރަނި ބޮޑަށް އިތުރުވެގެން ދިޔަ މައިގަނޑު ސަަބަބެއްކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މަޖިލީހުން ފާސްކުރާ މިންވަރަށްވުރެ ބަޖެޓް ޑެފިސިޓް އެއަހަރުތަކުގައި އިތުރުވެގެން ދިއުންކަމަށެވެ. އެގޮތުން ދަރަނި މެނޭޖު ނުކުރެވި އިތުރުވަމުން ގޮސްފައިވާއިރު، 2014 ވަނަ އަހަރު އަހަރު ފިޔަވާ ހުރިހާ އަހަރަކު ފާސްކުރި ބަޖެޓަށްވުރެ ދަރަނި އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.
2014 ވަނަ އަހަރު ފާސްކުރި ބަޖެޓްގައި ދައުލަތުގެ ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 1.29 ބިލިއަން ގައިކަމަށްވިޔަސް އެއަހަރު ޑެފިސިޓް ވެފައިވަނީ 1.25 ބިލިއަން ރުފިޔާއިންނެވެ. ނަމަވެސް އެދަރަނި އިތުރުވަމުން ގޮސް 2015 ވަނަ އަހަރު ފާސްކުރި ބަޖެޓްގައި ޑެފިސިޓް ލަފާކޮށްފައިވަނީ 1.5 ބިލިއަން ކަމުގައިވިަޔަސް އެއަހަރުގެ ބަޖެޓް ޑެފސިޓް 4.1 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔަކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 6.7 ބިލިއަނަށް އެރިކަމަށްވެސް ބުނެފައިވެއވެެ. މީގެ އިތުރުން 2017 ވަނަ އަހަރު ދައުލަތުގެ ބަޖެޓަކީ އަރަނި ބަޖެޓެއްކަމަށް އަމާޒުހިފާފައި ހުރިނަަމަވެސް އެއަހަރުގެ ޑެފިސިޓް 2.2 ބިލިއަށް ބޮޑުވެގެންދިޔަކަން ފާހަނގަކޮށްފައިވެއެވެ.
ދައުލަތުގެ ދަރަނި ބޮޑުވާ މައްސަލަ ހައްލުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ކަންކަމުގެ ތެރޭގައި ފިސިކަލް ޕޮލިސީއާއި އެއްގޮތަށް ދައުލަތުގެ އާމްދަނީ ބިލްތައް ހަދައި ތަންފީޒް ކުރުމާއި، ޕީއެސްއައިޕީ މަޝްރޫޢުތަަށް ފައިސާ ނުލިބެނީސް އެމަޝްރޫޢުތައް ނުފެށުން ކަމަށް ހިމެނެއެވެ. އަދި ވަކިކަމަކަށް ބަޖެޓުގައި ކަނޑައަޅަފައިވާ ފައިސާ އެކަމަކަށް ޚަރަދުކުރުމާއި، އެހެންކަމަކަށް އެބަޖެޓް ޚަރަދުކުރާނަމަ އެކަން ރަނގަަށް ރެގިއުލޭޓްކުރުން ހިމެނެއެވެ.
ކޯވިޑް-19އާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރުވެފައިވާއިރު ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެފައިވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާއ ދެމެދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ޖަލްސާގައި ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން ރިޕޯޓެއް އެކުލަވާލާނެކަމަށާއި، އޭގެން ކުރިއަށް އޮތް ތިން އަހަރު ދައުލަތުގެ ދަރަނި ދެއްކުމުގައި ހޭދަވާނެ މިންވަރު ދެނެގަނެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.