ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2021 07:49
0

ހައްދުންމަތީ ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ)އާއި ޙަވާލުކޮށްފިއެވެ.

ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގެ 3.64 ކިލޯމިޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. ތާރުއަޅާއިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މަގުތަކުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތިޖަހައި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތްކުރުމަށެވެ. މި މަސައްކަތްތައް އެމްޓިސީއާ ހަވާލުކުރީ 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަކީ ސަރުކާރުން 53.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.

ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައި 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މަސައްކަތް ހުއްޓި ދިގުމުއްދަތެއްފަހުން، އަލުން އެމްޓީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށީ 2019ވަނަ އަހަރުގެ ޖޫންމަހުއެވެ. އަދި މިދިޔަ ޑިސެމްބަރުމަހުވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

ފުރަތަމަ ފިޔަވަހީގައި އެރަށުގެ 12 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެއީ 3.5ކިލޯ މީޓަރުގެ ސަރަޙައްދެކެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތާރު އެޅުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ރަށަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށްވެސް ޙައްލު ލިބޭނެހެން، ފަރުމާކޮށްގެންނެވެ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއުކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝަނާ ފަރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.