ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ އެއް ޤައުމަކުން އެކަނި ބަލިކުރެވޭނެ ވަބާއެއް ނޫން: މާރިޔާ

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ އެއް ޤައުމަކުން އެކަނި ބަލިކުރެވޭނެ ވަބާއެއް ނޫން: މާރިޔާ

Author
މުޙައްމަދު ޖިމީ
19 ޖެނުއަރީ 2021 06:05
0

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދަޅުވެއްޖެ އެވެ.

ދިވެހި އަސްކަރިއްޔާގެ ހަފްތާ މަޖައްލާ "އައްޑަނަ"އަށް މިނިސްޓަރ މާރިޔާ ލިޔުއްވާފައިވާ ލިޔުއްވުމުގައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި އެޤައުމަށް ވަޑައިގެންނެވި ސިފައިންގެ 4 ބޭކަލުންނާ، މިދިޔަ ހަފްތާގެ ތެރޭގައި، ބައްދަލުކުރައްވާ، ލިޔުން ޙަވާލުކުރެއްވިކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ބާރެއް ނޫންކަމަށެވެ. އެހެންކަމުން، ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ، ދުނިޔޭގެ ތާރީޚަށް ބެލިއަސް، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރަން އޮތް އެންމެ އެކަށޭނަ އެއް މަގުކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޯވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ދުނިޔޭގެ ފެންވަރުގައި، ޢަމަލީގޮތުން މަސައްކަތްކުރުމަށް، ދިވެހި ސިފައިން އަމިއްލަ ޤައުމު ދޫކޮށް، އެހެން ޤައުމެއްގައި ޙަރަކާތްތެރިވާން ދިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިކަމަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، ހުރިހާ ރޭންކެއްގެ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް، ރައީސް ޞާލިޙްގެ ނަންފުޅުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޝުކުރާއެކީ ތަހުނިޔާ ކިޔަމެވެ. މިޝުކުރުގައި، ސައުދީއަށް ވަޑައިގެންނެވި ހިތްވަރުގަދަ 4 ބޭކަލުންގެ އާއިލާގެ މެންބަރުން ޚާއްޞަގޮތެއްގައި ޝާމިލްކުރަމެވެ.

– ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، ހަރުދަނާ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް މިނިސްޓަރ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.