އިންތިޚާބު ބޭއްވުމަށް ގައިޑްލައިން ހަދައި އެޗްޕީއޭއިން އީސީއަށް ފޮނުވައިފި

އިންތިޚާބު ބޭއްވުމަށް ގައިޑްލައިން ހަދައި އެޗްޕީއޭއިން އީސީއަށް ފޮނުވައިފި

Author
މުޙައްމަދު ޖިމީ
19 ޖެނުއަރީ 2021 05:26
0

ކޯވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ ގައިޑްލައިން އެޗްޕީއޭއިން އެކުލަވާލާ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވައިފިއެވެ.

ކޯވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، އިންތިޚާބު ކުރިއަށް ގެންދަންވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް މިއަދު ފާސްކުރި އިޞްލާހުގައިވެއެވެ. އަދި އިންތިޚާބުގެ ކަންކަން ފެށުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލްތައް އެކުލަވާލާ ޢާންމުކުރަންވާނެކަމަށްވެސް މަޖިލީހުން މިއަދު ގެނައި އިޞްލާހުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ގައިޑްލައިން އެކުލަވާލާ އެޗްޕީއޭއިން މިއަދު އެކޮމިޝަނަށް މަޝްވަރާއަށް ފޮނުއްވާފައިވާކަމަށެވެ. އެހެންކަމުން އިންތިޚާބުތަކާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމާފައިވާކަމަށް އީސީން ބުނެއެވެ. އަދި އެ ބައްދަލުވުމުގައި އެ ގައިޑްލައިނާއި، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށާއި، އެނޫންވެސް އިންތިޚާބާއި ގުޅޭ ކަންކަމާއި މަޝްވަރާކުރައްވާނެކަމަށެވެ.

މިހާރު ޤާނޫނު ބުނާ ގޮތުން މޭމަހުގެ މޭ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަންޖެހޭނެކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވޭނެގޮތަށްކަމަށްވެސް މި އިޞްލާހުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ކުރިން ވިދާޅުވެފައިވަނީ ޤާނޫނަށް ގެންނަ އިސްލާޙްތައް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ، އެބިލް ތަސްދީގުކޮށް ޤާނުނަށް އަމަލުކުރަން ފެށުމާއެކު އިންތިޚާބު ބާއްވާނެކަމަށާ، އެކަމަށް މިހާރުވެސް ބޮޑެތި ތައްޔާރީތަކެއް ވެފައިވާކަމަށެވެ. އެއާއެކު އިންތިޚާބު ދެން ބާއްވާނެ ތާރީޚަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އޭޕްރީލް މަހުގެ 3ވަނަ ދުވަހު އިންތިޚާބު ބާއްވަން ވާހަކަދެކެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.