ކޯވިޑް19 ވެކްސިނާ ގުޅުން ހުރެދާނެކަށް ބެލެވޭ މަރުތަކެއް ތަހުގީގު ކުރަނީ

ކޯވިޑް19 ވެކްސިނާ ގުޅުން ހުރެދާނެކަށް ބެލެވޭ މަރުތަކެއް ތަހުގީގު ކުރަނީ

Author
ހުސެއިން
19 ޖެނުއަރީ 2021 06:38
0

އެމެރިކާގައި ފައިޒާ/ބައޯއެންޓެކްއިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން ދިންފަހުން މަރުވެފައިވާ ނޯވޭގެ އުމުރުން ދުވަސްވީ 23 މީހެއްގެ މަރާ ކޯވިޑް19 ވެކްސިނާ އެއްވެސް ގުޅުމެއް ހުރިތޯ ބެލުމަށް ޚާއްސަ ތަހުގީގެ ނޯވޭގެ ޑޮކްޓަރުން ފަށައިފިއެވެ. ޑޮކްޓަރުން މިތަހުގީގު ފަށާފައިވަނީ، މިމީހުންގެ މަރާ، ކޯވިޑް19 ވެކްސިން ދިނުމުގެ ސަބަބުން ހަށިގަޑުންފެންނަ އެއްވެސް އަލާމާތަކާއި އެއްވެސް ވަރެއް ގުޅުމެއް ހުރިކަން ނުވަތަ ނެތްކަން ޔަގީން ކުރުމަށްޓަކައެވެ.

ދުނިޔޭގައި މިހާރު ބޭނުން ކުރަމުންދާ ކޯވިޑް19 ވެކްސިނެއްވެސް ޖެހުމުން ފެންނަނީ އާދައިގެ އަލާމާތްތަކެކެވެ. މީގެ ތެރޭގައި ހުންއައުން، އަދި ބައެއް ފަހަރަށް ހޮޑުލުންވެސް ހިމެނެއެވެ. އެހެންނަމަވެސް ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، އުމުރުން ދުވަސްވީމުހުން، ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހުންއައުމާ ހޮޑު ލުމަކީ ބައެއް ހާލަތްތަކުގައި ސީރިއަސް މައްސަލަތަކަކަށް ވެގެން ހިގައިދާނެ ކަންކަމެވެ.

ކޯވިޑް19 ވެކްސިން ދީފައި ވަނިކޮށް، ނޯވޭގައި މިމީހުން މަރުވުމާ ގުޅިގެން، މިހާރު އެގައުމުގެ ނޯވޭޖިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ވަނީ، މުސްކުޅިންނަށާއި އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ހުރިހާ މީހުންނަށްވެސް، ވެކްސިނާއި ގުޅުންހުރި އުދަގޫތަކާބެހޭ ގައިޑްލައިންތައް އިތުރަށް ތަފްސީލުކޮށް ހަރުދަނާ ކޮށްފައެވެ.

މިގޮތުން ނޯވޭގެ ސިއްޙީ އިދާރާއިން އަލުން އެކުލަވާލި ގައިޑްލައިންގައި ވާގޮތުން، އުމުރުން ދުވަސްވީ މީހުންނަށާއި އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވެކްސިން ދިނުމުގެ ކުރިން، ވެކްސިން ދިނުމުން ކުރިމަތިވާނެ ރިސްކުތަކާ، އެމީހެއްގެ އެވަގުތެއްގެ ޙާލަތު ވަޒަންކުރުމަށްފަހު، ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެއްތޯ ނުވަތަ ނޫންތޯ ޑޮކްޓަރުން ކަޑައަޅަން ޖެހެއެވެ.

ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ނޯވޭގެ 42،000 ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން ވަނީ ވެކްސިން ދީފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ނޯވޭގެ ސިއްޙީ އިދާރާތަކުންވެސް ހަމަޖައްސާފައިވަނީ، ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑު ފަރާތްތައްކަމުގައިވާ، އުމުރުން ދުވަސްވީ މީހުންނާ އަދި ބޮޑެތި ބަލިތަކަށް ފަރުވ ހޯދަމުންދާ ފަރާތްތަކަށް އިސްކަންދީގެން ވެކްސިން ދިނުމުގެ ޕްރޮގްރާމް އެގައުމުގައި ކުރިޔަށް ގެންދިއުމަށެވެ.

"އެހެންކަމުން، މަރުވި މީހުންނަކީ، އެމީހުންގެ މަރާ ވެކްސިން ދިން ވަގުތާ އިއްތިފާގުން ދިމާވެފައިވާ މީހުންކަމުގައިވެސް ވެދާނެ. ނޯވޭގައި އާންމުކޮށް، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާ އަދި ބަލިވެގެން ދިގުމުއްދަތަކަށް އެޑްމިޓް ކޮށްފައިތިބޭ މީހުންގެތެރެއިން ކޮންމެ ހަފްތާއަކުވެސް 400 މީހުން މަރުވަމުންދޭ،" ނޯވޭޖިއަން މެޑިކަލް އޭޖެންސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ނޯވޭޖިއަން މެޑިކަލް އޭޖެންސީން ބުނެފައިވާގޮތުގައި، ކޯވިޑް19 ވެކްސިން ދޭންފެށި ފުރަތަމަ ހަފްތާތަކުގެ ތެރޭގައި މަރުވެފައިވާ ހުރިހާ އެންމެންގެ މަރުތައްވެސް ފުރިހަމައަށް ތަހުގީގު ކުރުމަށްފަހު މިތަހުގީގުތަކުގެ ނަތީޖާތައް، ސަރުކާރުގެ ސިއްޙީ އިދާރާތަކަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ނޯވޭޖިއަން މެޑިކަލް އޭޖެންސީ އަދި ނޭޝަނަލް އިންޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ބުނެފައިވާ ގޮތުގައި ޝައްކު އުފެދިފައިވާ މި 23 މަރުގެ ތެރެއިން 12 މީހެއްގެ މަރު މިހާރުވަނި ތަހުގީގުކޮށް ނިމިފައެވެ. ނޯވޭޖިއަން މެޑިސިން އޭޖެންސީގެ ޗީފް ފިޒިޝަން ސައިގާޑް ހޯޓިމޯ ވިދާޅުވެފައިވަނީ، މިހާތަނަށް ހެދިފައިވާ އެސެސްމަންޓްތަކުން ދައްކާފައިވަނީ، މިމީހުންގެ މަރާ، ވެކްސިން ދިނުމުގެ ސަބަބުން ފެންނަންފަށާ އަލާމާތްތަކާ ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް ވާކަމަށް ކަމަށެވެ.

ފައިޒާ ކުންފުނިން ބުނެފައިވަނީ، ނޯވޭގެ ސިއްޙީ އިދާރާތަކާ ގުޅިގެން، މިތަހުގީގުތަކާ ގުޅުން ހުރި ހުރިމާ މައުލޫމާތުތަކެއްވެސް ހޯދުމަށް މިހާރު އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.