ރިސޯޓްތަކުން ކަނޑަށް ކުނިއަޅާނަމަ ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރުދީފި

ރިސޯޓްތަކުން ކަނޑަށް ކުނިއަޅާނަމަ ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރުދީފި

Author
މުޙައްމަދު ޖިމީ
19 ޖެނުއަރީ 2021 10:23
0

ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނުމާއި ގުޅިގެން، ކުނިއަޅާ ރިސޯތްތައް ޖޫރިމަނާކޮށް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ދެއްވައިފިއެވެ.

ރިސޯޓްތަކުގައި ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަނީ ޓޫރިޒަމް ދާއިރާއަށް، ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާކުރިން ހަދާފައިވާ ގަވައިދަކުންކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމަށް ކަމާގުޅުން އިދާރާތަކާއި ބައްދަލުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީން ވަނީ މަޓީއާއި ބައްދަލުކޮށްފައެވެ.

އެގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޓީން ވަނީ ރިސޯޓްތަކުން ކަނޑަށް އަޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނި ކަަމަށާއި އެކަން ކުއްލިއަކަށް ހުއްޓުވައިފި ނަމަ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެކަމަށް ބުނެފައެވެ. މަޓީގެ އެވާހަކަތަކަށް ރައްދުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝިދު (ބޮންޑެ) ވިދާޅުވީ، ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫންކަމަށާއި، ބޭނުން ވަސީލަތެއް ބޭނުންކުރުމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ބުނެފައިވާކަމަށެވެ.

ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ! ކުނިމެނޭޖް ކުރުމާ ކުނިނައްތާލާނެ ދުނިޔޭގައި ލެއްވި ހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި މިނިސްޓްރީގައި ހުންނާނެ ! ޖޫރިމަނާ ކުރެވޭނެ ! ރިސޯޓު ބަންދުވެސް ކުރެވޭނެ !

– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ކޮމިޓީގައި ވިދާޅުވީ ކުއްލިއަކަށް ގަވާއިދު ބަދަލުކޮށް ސަފާރީތައް ޖޫރިމަނާކުރަން ފަށައިފިނަމަ ސަފާރީތައް ދުއްވާ ފަރާތްތައް ބަނގުރޫޓް ވެދާނެކަމަށެވެ. އެހެންކަމުން ކުނި އުކައިލެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފަހު ތިރީހަކަށް ދުވަހުގެ މުހުލަތެއްދީ، ކަނޑަށް ކުނި އެޅުން މަނާކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.