ފާއިތުވި ސެޕްޓެމްބަރު 30 ގައި ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް 1073 ހައިޖެކްކުރަން މަސައްކަތްކުރި ކޯ-ޕައިލެޓް، ބޯޓު ބެން ގޫރިއަން އެއާޕޯޓަށް ނުވަތަ ތެލް އަވީވްގެ އުސް އިމާރާތަކަށް ވައްޓާލުމަށް ރާވާފައިވާ ކަމަށް ތަހުގީގުގައި ބުނެފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ސީބީއެސް ނިއުސްއާއި އޭބީސީ ނިއުސްއިންނެވެ.
174 ފަސިންޖަރުންނާއި 6 ކްރޫން ތިބި ބޯޓުގައި، އޮމާނުގެ ރައްޔިތެއް ކަމަށްވާ ކޯ-ޕައިލެޓް ހަމާމް އަލް-ހައްމާމީ ވަނީ ކޮކްޕިޓްގައި ބަހައްޓާ އިމަޖެންސީ ކޯރާޑިއަކުން ކެޕްޓަން ސްމިތް މަޗްޗަރަށް ހަމަލާދީފައެވެ. އޭގެ ސަބަބުން 33,000 ފޫޓު އުސްމިނުގައި ދަތުރުކުރަމުން ދިޔަ ބޯޓު ކުއްލިއަކަށް 15,000 ފޫޓަށް ތިރިވިއެވެ. ކެޕްޓަން ކޮކްޕިޓުގެ ދޮރު ހުޅުވުމާއެކު ފަސިންޖަރުންނާއި ކްރޫން ކޯ-ޕައިލެޓް ހިފެހެއްޓިއިރު، ބޯޓުގައި ދަތުރުކުރި ޑިއުޓީގައި ނުހުރި ދެ ޕައިލެޓެއްގެ އެހީގައި ބޯޓު ސައުދީ އަރަބިއްޔާގެ ތަބޫކަށް ޖެއްސިއެވެ.
ފްލައިދުބާއީން ބުނީ ކޮކްޕިޓުގައި ހަމަނުޖެހުމެއް ހިނގި ނަމަވެސް އޭގެ ސަބަބު އަދި ނޭނގޭ ކަމަށެވެ. ޔޫއޭއީން މި ހާދިސާ ބަލަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ކަމަށްވާއިރު، އިސްރާއީލުގެ ތަހުގީގު ފަރާތްތަކުން ބުނީ ކޯ-ޕައިލެޓް މި ހަމަލާ ދީފައިވަނީ އެކަނި ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ