އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ދޭ "އަލަމްނައި އައިކޮން އެވޯޑް 2026″ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮފެސަރު، ޑރ. އާއިޝަތު މުނީޒާއަށް ލިބިވަޑައިގެންފި އެވެ.
ޑރ. މުނީޒާ މިހާރު ހިދުމަތް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީން އިއްޔެ އާންމުކުރި ޕޯސްޓެއްގައި މި ޚަބަރު ހިއްސާ ކުރައްވާފައިވާއިރު، އެ ޔުނިވާސިޓީގައި ޑރ. މުނީޒާ ހުންނަވަނީ ޕްރޮފެސަރެއްގެ މަގާމުގެ އިތުރުން އެސޯސިއޭޓް ޑީން (ސްޓޫޑަންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަން) ގެ މަގާމުގަ އެވެ.
އައިއައިޔޫއެމް އިން ދޭ މި ޝަރަފުވެރި އެވޯޑަކީ ދެމިހުންނަ ހިތްވަރާއި، ދުރުވިސްނޭ ގާބިލު ލީޑަޝިޕާއި، ތައުލީމީ ދާއިރާ އާއި އާންމު ޚިދުމަތުގެ އިތުރުން ދުނިޔޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށް ކުރައްވާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. ރާއްޖެ އިން މީގެ ކުރިން، 2022 ވަނަ އަހަރު މި އެވޯޑް ލިބިވަޑައިގެންފައި ވަނީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް އިސްލާމީ އިގްތިސާދާއި މާލީ ނިޒާމުގެ ދާއިރާ އިން ފާހަގަކޮށްލެވޭ ޑރ. މުނީޒާ ވަނީ އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިއުޓީ މިނިސްޓަރު ކަމާއި، މިނިސްޓްރީ އޮފް ފައިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ކޮމެންޓު ފޮނުވާ