ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި، އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނު ޖަލަށްލައި، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލި ފަދަ "އަނިޔާއެއް ދޭން" ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް، ސޯލިހަށް ދެން ވެސް ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެފަދަ ކަމެއް ތަކުރާރު ކުރައްވާފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު މުއިއްޒު ކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ މިހެން މި ދެންނެވީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ ހަމަ 2028ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ.
2028ގެ އިންތިހާބު ކާމިޔާބުކުރެއްވޭވަރާ ގާތަށް ވެސް ވޯޓު ނުލިބޭނެކަން ރައީސް މުއިއްޒަށް ވެސް މިހާރު ވަޒަންކުރެއްވޭނެ ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ. މި ސަރުކާރު އައި ފަހުން ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން ދައްކަމުން އަންނަނީ ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުން ކަމަށާއި، ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯއްދަވައި، އިތުރު ތާއީދެއް ސަރުކާރަށް ހޯއްދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، 2023ގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ޕީޕީއެމުން ފުރަތަމަ ދިނީ ޔާމީނަށް ކަމަށްވިޔަސް، އޭރު ޖަލުގައި ހުންނެވި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައި އޮތުމުން، އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމެވެ. ސުޕްރީމް ކޯޓުން ވެސް ނިންމީ ޔާމީނަށް އެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ.
އެއަށްފަހު ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި، ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒާއި ޔާމީނާ ދެމެދު މައްސަލަތައް ބޮޑުވެ، ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. އަދި، އަމިއްލަފުޅު އާ ޕާޓީ، ޕީއެންއެފް އުފައްދަވައި، ޔާމީން ގެންދަވަނީ މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ