ދައުރުވާ ރުފިޔާ މަދުކުރަން އެމްއެމްއޭއިން ދެ ފިޔަވަޅެއް އަޅަން ނިންމައިފި

ދައުރުވާ ރުފިޔާ މަދުކުރަން އެމްއެމްއޭއިން ދެ ފިޔަވަޅެއް އަޅަން ނިންމައިފި

Author
އަހުމަދު
07 އޮގަސްޓް 2026 09:30
0

ރާއްޖޭގެ އިގްތިސާދުގައި ދައުރުވަމުންދާ ދިވެހި ރުފިޔާގެ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުހިންމު ދެ ފިޔަވަޅެއް އަޅަން ނިންމައިފިއެވެ.

އެމްއެމްއޭގެ ބޯޑުން ނިންމާފައިވަނީ ބޭންކުތަކުން އެ އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) މަތިކުރުމާއެކު، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކުރުމަށެވެ. މި ދެ ފިޔަވަޅުގެ މަގްސަދަކީ ބޭންކިންގ ނިޒާމުގައި ހުރި އިތުރު ފައިސާ ނުވަތަ ސާޕްލަސް ލިކުއިޑިޓީ މަޑުމަޑުން ދަށްކުރުމެވެ.

އެގޮތުން، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއާރްއާރް 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިވެގެންދާނެއެވެ. މީގެ އިތުރުން، 2027 ވަނަ އަހަރު ނިމުމުގެ ކުރިން ކޮންމެ ތިން މަހަކުން މާކެޓް ދިރާސާކުރުމަށްފަހު މި ރޭޓް މަޑުމަޑުން މަތިކުރަމުން ގޮސް، ޑިސެމްބަރު 2027 އަށް 13 އިންސައްތައަށް އަރުވަން އެ އޮތޯރިޓީން ވަނީ އަމާޒު ހިފާފައެވެ. އަދި އޯއެމްއޯ 10 ބޭސިސް ޕޮއިންޓް މަތިކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ފެށިފަހުން މި ޖުލައި މަހުގެ ނިޔަލަށް، ބޭންކިންގ ނިޒާމުން އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނަގާފައެވެ. މީގެ ސަބަބުން ކުރު މުއްދަތުގެ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.

މި ބަދަލުތައް އެމްއެމްއޭއިން ތައާރަފުކުރީ، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ރެކޯޑް މިންވަރަކަށް އުފުލި، އާއްމު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެ އަހަރާ ބައި ތެރޭގައި ޑޮލަރެއްގެ އަގު 17 ރުފިޔާއިން 21.60 ރުފިޔާއަށް ވަނީ އުފުލިފައެވެ.

ސަރުކާރުން ދެކޭ ގޮތުގައި މި މައްސަލައިގެ އަސްލަކީ، ކޮވިޑް-19 ގެ ދުވަސްވަރު ކުރީގެ އެމްޑީޕީ ސަރުކާރުން އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމެވެ. އޭގެ ސަބަބުން އިގްތިސާދުގައި ރުފިޔާ ގިނަވެ، ޑޮލަރުގެ މާކެޓަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ޑޮލަރުގެ އަގު އުފުލުމާއެކު، ބާޒާރުގައި ތަކެތީގެ އަގުތައް ވެސް ދަނީ މަތިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.