ޝަންހާއީގައި މައި މަރުކަޒު ހުންނަ ގޮތަށް އާ އޭއައި ޖަމިއްޔާއެއް އުފައްދަން 29 ގައުމަކުން ސޮއިކޮށްފި

ޝަންހާއީގައި މައި މަރުކަޒު ހުންނަ ގޮތަށް އާ އޭއައި ޖަމިއްޔާއެއް އުފައްދަން 29 ގައުމަކުން ސޮއިކޮށްފި

Author
އަހުމަދު
17 ޖުލައި 2026 11:26
0

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް، ޗައިނާގެ ޝަންހާއީގައި މައި މަރުކަޒު ގާއިމުކުރާ "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޯޕަރޭޝަން އޯގަނައިޒޭޝަން" ގެ ނަމުގައި އާ ޖަމިއްޔާއެއް އުފައްދަން 29 ގައުމަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕާކިސްތާނާއި ރަޝިޔާ އަދި ކަޒަކިސްތާން ފަދަ ގައުމުތައް ހިމެނޭ މި އިންޓަގަވަމަންޓަލް ޖަމިއްޔާ އުފެއްދުމަށް ސޮއިކޮށްފައި ވަނީ ޝަންހާއީގައި މިހާރު ކުރިއަށްދާ އަހަރީ "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް" ގެ ހަވާސާގަ އެވެ. 1،100 އަށް ވުރެ ގިނަ ކުންފުންޏާއި 1،400 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވާ މި ކޮންފަރެންސްގައި ކުރެވުނު މި ނިންމުން، ބައިނަލްއަގުވާމީ ފެންވަރުގައި އޭއައިގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރެވެ އެވެ.

ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ އޭއައި ތަރައްގީކުރުމާއި އޭގެ ހިންގުމުގެ ކަންކަމަކީ އެއްވެސް ގައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި، މުޅި ދުނިޔެ ގުޅިގެން ކުރިއަށްގެންދަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފަރާތްތަކަށް އޭއައި ދާއިރާއިން 5،000 ތަމްރީނުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޝީ ވައުދުވެވަޑައިގެންނެވި އެވެ.

ޓެކްނޮލޮޖީގެ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޗައިނާ ވަނީ އޭއައި ދާއިރާއިން އަމިއްލަ އީޖާދުތައް ގެންނަ މުހިންމު ބައިވެރިއަކަށް ބަދަލުވެފަ އެވެ. މި ކޮންފަރެންސްގައި ޗައިނާގެ ހުއާވޭ ފަދަ ކުންފުނިތަކުން ދަނީ އޭއައި ބާރުގަދަ ކޮމްޕިއުޓިން ސިސްޓަމްތައް ދައްކާލަމުންނެވެ. މީގެ އިތުރުން، ޗައިނާގެ 2030 ވަނަ އަހަރާ ހަމައަށް ކަނޑައަޅާފައިވާ ގައުމީ ޕްލޭނުގައި ވެސް ޓެކްނޮލޮޖީއާއި ސައިންސުގެ ރޮނގުން ކުރިއެރުން ހޯދުމަށް ހާއްސަ އިސްކަމެއް ދީފައި ވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.