މިދިޔަ އަހަރުގެ ޖޫން މަހު 260 މީހުންގެ ފުރާނަ ގެއްލުނު އެއާ އިންޑިއާގެ ފްލައިޓް ވެއްޓުމުގެ ކުރިން، ބޯޓުގެ ދެ ޕައިލެޓުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ޓްރާންސްކްރިޕްޓް، އިންޑިއާގެ ތަހުގީގު ހިންގާ ފަރާތުން ހާމަކޮށްފިއެވެ.
އިންޑިއާގެ އަހްމަދުއާބާދުން ލަންޑަނަށް ދިއުމަށް ނައްޓާލި ބޮއިންގް 787 މަރުކާގެ މި ފްލައިޓު ވެއްޓުނީ، އުދުއްސައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯޓުގެ ދެ އިންޖީނަށް ތެޔޮ ނުލިބިގެންނެވެ. ބޯޓު ވެއްޓުނީ އެއާޕޯޓާ ކައިރި ހިސާބެއްގައި ހުރި މެޑިކަލް ކޮލެޖެއްގެ މައްޗަށެވެ. ފްލައިޓުގައި ތިބި މީހުންނާއި ބިންމަތިން ޖުމުލަ 260 މީހުން މި ހާދިސާގައި މަރުވިއިރު، ފްލައިޓުން ސަލާމަތްވީ އެންމެ މީހެކެވެ.
ހާމަކޮށްފައިވާ ޓްރާންސްކްރިޕްޓުން ފާހަގަވި އެންމެ ހައިރާންކުރުވަނިވި ކަމަކީ، ބޯޓުގެ ތެޔޮ ހޮޅި ބަންދުވި މައްސަލައިގައި ދެ ޕައިލެޓުންގެ ދެމެދުގައި ދެކެވުނު ވާހަކައެވެ. "ކީއްވެ (ތެޔޮ ހޮޅި) ބަންދުކޮށްލީ؟" އެއް ޕައިލެޓަކު އަނެއް ޕައިލެޓާ ސުވާލުކުރިއެވެ. ޖަވާބުގައި އަނެއް ޕައިލެޓް ބުނީ "އަހަރެން އެ ކަމެއް ނުކުރަން" ކަމަށެވެ. ނަމަވެސް، މި ދެ ޖުމުލައިގައި ވާހަކަ ދެއްކީ ކޮން ޕައިލެޓަކުކަން ޓްރާންސްކްރިޕްޓުގައި ވަކިކޮށްދީފައެއް ނުވެއެވެ. ފްލައިޓް ދުއްވަން އިނީ ކްލައިވް ކަންޑާއެވެ. މޮނިޓަރު ކުރަން އިނީ އިސް ޕައިލެޓް ސުމީތު ސަބްހަރްވަލްއެވެ.
ވައިގެ އުޅަނދުތަކުގެ އެކްސިޑެންޓް ތަހުގީގުކުރާ އިންޑިއާގެ އިދާރާ، އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭ.އޭ.އައި.ބީ)އިން ބުނީ، ތަހުގީގު މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށާއި، ހާދިސާގެ ފަހު ރިޕޯޓްގެ ޑްރާފްޓް އަންނަ އޮކްޓޫބަރު މަހު ހިސާބުގައި ހާމަކުރާނެ ކަމަށެވެ. މިހާރު ބަލަމުންދަނީ ޓެކްނިކަލް މައްސަލަތަކާއި، އިންސާނުންގެ ފަރާތުން ހިނގާފައި ހުރި ހަރަކާތްތަކުގެ ތަފުސީލުތައް ކަމަށާއި، މިއީ ވަކި ނިންމުންތަކަކަށް ވާސިލްވުމުގެ ބޭނުމުގައި ކުރެވޭ މަސައްކަތެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް، ސުމީތުގެ ބައްޕަ ޕުޝްކަރު ރާޖް ސަބްހަރްވަލް ބުނީ، ފްލައިޓް ވެއްޓުނީ އޭނާގެ ދަރިފުޅު ހެދި ގޯހަކުން ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ސިފަކުރުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ