ގދ. ގައްދޫ ކައިރީގައި އޮންނަ "ލޮނަދޫހުއްޓާ" ނަމަކަށް ކިޔާ ފަޅު ރަށަށް ދިޔަފަހުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ލޮނަދޫހުއްޓާއަކީ ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައި އޮންނަ ފަޅު ރަށެކެވެ. ގައްދޫ ކައުންސިލްގެ ރައީސް މަޢުލޫމާތު ދެއްވިގޮތުގައި، އެ ރަށަށް ދިޔަ ތިން މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔައީ ގައްދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
އެ މީހުން ރަށުން ފުރީ މަސްވެރިކަން ކުރުމަށް ކަމަށާއި، މިއަދު މެންދުރުފަހު 14:00 ހާއިރު އެމީހުން ލޮނަދޫހުއްޓާއަށް ފޭބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، ފޭބި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވެއެވެ.
ކައުންސިލުން ބުނީ، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އޭނާއާއެކު ދިޔަ މީހުން މިއަދު ހަވީރު 15:00 ހާއިރު ފެށި ކަމަށާއި، ނަމަވެސް، އިދާރާތަކަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:25 ހާއިރު ކަމަށެވެ. އެއަށްފަހު ފުލުހުންނާއި ރަށުގެ ބައެއް މީހުން ގުޅިގެން ހިންގި ހޯދުމުގެ މަސައްކަތުގައި އޭނާ ފެނިފައިވަނީ ސަލާމަތުންނެވެ.
ފެނުނުއިރު އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އިތުރު ފަރުވާއަކަށް ބޭނުން ނުވާ މިންވަރަށް ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ