ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު ލިއޮނަލް މެސީ މުގުރާލައި، މިހާރުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގްރޫޕް ޖޭގައި ރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އާޖެންޓީނާގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީއެވެ. މެޗުގެ ވަރަށް ކުރީކޮޅު، 8 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް މެސީގެ އަތުން ނާކާމިޔާބުވި ނަމަވެސް، 38 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި ޓީމަށް ކުރި ހޯދައިދީފައެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް މެސީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ޔަގީންކޮށްދީފައެވެ.
މި މެޗުގައި ޖެހި ލަނޑުތަކާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ ޖުމްލަ އަދަދު 18 އަށް އުފުލައިފައެވެ. މިއާއެކު އޭނާ މިވަނީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސޭ ހަދާފައިވާ އެންމެ ގިނަ ގޯލު ޖެހުމުގެ ތާރީޚީ ރިކޯޑު މުގުރާލާފައެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އާޖެންޓީނާއިން ޖެހި 5 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެސީއެވެ.
ރޭގެ މޮޅާއެކު އާޖެންޓީނާ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، މެޗުން ބަލިވި ނަމަވެސް އޮސްޓްރިއާއަށް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ.
ކޮމެންޓު ފޮނުވާ