ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ސްޕެއިނުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ސްޕެއިނުން ނިންމާލީ 3-0 ގެ ލީޑަކާ އެކުގައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ޒުވާން ތަރި ލަމީން ޔަމާލް ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ކާމިޔާބުކޮށް ސްޕެއިނަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 21 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައި މިކޭލް އޮޔާޒަބާލް ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި އޮޔާޒަބާލްއަށް ހެޓްރިކް ހަދަން ލިބުނު ރަނގަޅު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ސްޕެއިނުގެ ހަތަރުވަނަ ލަނޑު ވަނީ ސައުދީ ކޮޅަށެވެ. މިއީ މާކް ކުކުރެއްޔާ ފޮނުވާލި ބޯޅައެއް ސައުދީގެ ޑިފެންޑަރު ހަސަން އަލްތަމްބަކްތީ ގައިގައި ޖެހިފައި ވަން ބައިގޯލެކެވެ. މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ ފެރާން ޓޮރޭޒް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
މެޗުގެ ފަހުކޮޅު ސައުދީގެ ދެ ކުޅުންތެރިން ކަމަށްވާ އަލާ އަލްހާޖީ އާއި މުހައްމަދު ކަންނޯ ބޯޅައިގައި ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އެކަކު އަނެކަކުގެ ގައިގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. މި ހާދިސާގައި ކަންނޯގެ ބޯ ފަޅައިގެންގޮސް ފަރުވާދޭން ޖެހުނު ނަމަވެސް، ފަރުވާއަށްފަހު އޭނާ ވަނީ އަލުން ކުޅުމަށް ނުކުމެފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަލަށް ވާދަކުރި ކޭޕް ވާޑޭއާ އެއްވަރުވެ ސްޕެއިނަށް ޕްރެޝަރު ބޮޑުވެފައި އޮތް ނަމަވެސް، ސައުދީ އަތުން ހޯދި މި ބޮޑު މޮޅާއެކު އެ ޓީމުން މިވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފައެވެ.
ކޮމެންޓު ފޮނުވާ