ވޯލްޑް ކަޕްގެ އާ ގަވާއިދާ ހިލާފަށް އަނގަމަތީގައި އަތް އެޅުމުން އަލްމިރޮން އަށް ފުރަތަމަ ރަތް ކާޑު!

ވޯލްޑް ކަޕްގެ އާ ގަވާއިދާ ހިލާފަށް އަނގަމަތީގައި އަތް އެޅުމުން އަލްމިރޮން އަށް ފުރަތަމަ ރަތް ކާޑު!

Author
އަހުމަދު
20 ޖޫން 2026 09:57
0

ފީފާއިން މިއަހަރުގެ ވޯލްޑް ކަޕްގައި އަލަށް ތައާރަފުކުރި ގަވާއިދާ ހިލާފުވެގެން، ޕެރަގުއޭގެ މިގުއެލް އަލްމިރޮންއަށް ތާރީހީ ރަތް ކާޑެއް ދައްކައިފި އެވެ.

މިއަދު ހެނދުނު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ރަތް ކާޑު ދެއްކީ، ރުޅިވެރިކަމާ އެކު ތުރުކީގެ މާޓް މުލްޑޫރާ ދިމާއަށް އެއްޗެކޭ ބުނިއިރު އަނގަމަތީގައި އަތް އެޅުމުންނެވެ. އަލްމިރޮންއަށް އޭނާގެ ގޯސް އެނގި ވަގުތުން އަތް ނެގި ނަމަވެސް، ތުރުކީގެ ކުޅުންތެރިން އެކަން ރެފްރީގެ ސަމާލުކަމަށް ގެނައުމުން، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. މިއީ މި އާ ގަވާއިދުގެ ދަށުން ކުޅުންތެރިޔަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ދަނޑުމަތީގައި ޒުވާބުކުރާއިރު އަނގަމަތި ނިވާކުރުން ސީދާ ރަތް ކާޑަކަށް ފީފާއިން ހެދީ، ކުޅުންތެރިންނާ ދިމާއަށް ކުރާ ނަސްލީ ފުރައްސާރަތައް ހުއްޓުވުމުގެ ގޮތުންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށީ، މިދިޔަ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އޭނާގެ ޖާޒީން އަނގަމަތި ނިވާކޮށްގެން ހުރެ ރިއަލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި ޕްރެސްޓިއާނީ ވަނީ ދެ މެޗަށް ސަސްޕެންޑްވެސް ކޮށްފަ އެވެ.

އެހެންނަމަވެސް، މި ގަވާއިދުގެ ދަށުން ހުރިހާ ހާލަތެއްގައި އަނގަމަތި ނިވާކުރުން މަނައެއް ނޫނެވެ. މެޗުގެ ތެރޭގައި އެކުވެރިކަމާއެކު ވާހަކަދައްކާއިރު ނުވަތަ ހިލޭ ޖެހުންތައް ފަދަ ހާލަތްތަކުގައި އަމިއްލަ ޓީމުގެ ކުޅުންތެރިންނަށް ސިއްރުން އިރުޝާދު ދޭއިރު އަނގަމަތި ނިވާކުރުމަކީ އަދިވެސް ހުއްދަ ކަމެކެވެ. ރަތް ކާޑު ދޭނީ ހަމައެކަނި ރުޅިވެރިކަމުގެ ހާލަތްތަކުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.