ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވެއްޖެއެވެ.
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސީގެ މި ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 21 ވަނަ މިނެޓުގައި މޮރޮކޯގެ އިސްމާއިލް ސައިބާރީއެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ބްރޫނޯ ގިމަރޭސްގެ އެހީތެރިކަމާއެކު ވިނީޝިއުސް ޖޫނިއާ ވަނީ ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި ކާމިޔާބުކުރި 10 ވަނަ ބައިނަލްއަގުވާމީ ގޯލެވެ.
މެޗަށްފަހު ވާހަކަދައްކަމުން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް ބުނީ، ބްރެޒިލުން މެޗު ފެށީ ވަރަށް ގޯސްކޮށް ކަމަށާއި، އިދިކޮޅު ޓީމު ކައުންޓަ އެޓޭކުގައި ވަރަށް އަވަސް ކަމަށެވެ. އެހެންކަމުން މާގިނަ ވާހަކަ ނުދައްކައި ޓީމުގެ ކަންކަން ރަނގަޅުކުރަން ޖެހޭކަމަށް އޭނާ ފާހަގަކުރިއެވެ. ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ވެސް ވަނީ މެޗުގެ ނަތީޖާއާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ގިނަ ކަންތައްތަކެއް ގޯސްކޮށް ދިޔަކަމަށް އެއްބަސްވެފައެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ހައިޓީ އާއި ސްކޮޓްލޭންޑެވެ. މުބާރާތުގައި ބްރެޒިލް ދެން ނުކުންނާނީ ހައިޓީއާ ދެކޮޅަށެވެ. އަދި މޮރޮކޯ ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ.
ކޮމެންޓު ފޮނުވާ